ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުނި، މިފްކޯ ފުލް ކެޕޭސިޓީގައި ހިންގޭ ވަރުގެ ބޮޑެތި އޯޑަރުތަކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

މިފްކޯގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޝަހީރު ވިދާޅުވީ މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ލުއި ފަސޭހަތަކެއް ހަމަޖައްސާފައިވާ ކަމަށާއި މިހާރު ކަނޑުއޮށްގިރިން ވެސް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މުރާޖާކޮށް، އަގު ހެޔޮކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އައިސްޕްލާންޓުތަކުގެ ތެރެއިން އެއް އައިސް ޕްލާންޓު ފިޔަވައި އެހެން ހުރިހާ އައިސްޕްލާންޓަކުން ފުލް ކެޕޭސިޓީގައި އައިސް އުފައްދޭ ވަރަށް އޮޕަރޭޝަނަލް ލެވެލްއަށް ގެނެސްފައިވާ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ ވަކި ވަކި ސައިޓްތަކުގަ އެސެސްޓެމެންޓްތައް ހަދައި، އަދި މިހާރު ވެސް މިދަނީ އެސެސްމެންޓުތައް ހަދަމުން. އެގޮތުން މިހާރު މިބަލަނީ ޕްރައިވަޓައިޒްކޮށްގެން މިހާރު ރަނގަޅު ކުރަން ޖެހެނީ ކޮން ފެސިލިޓީސްތަކެއްތޯ ބަލައި އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް މި ކުރަނީ،" ޝަހީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ސައިޓުތަކުގައި އެފަދަ މަސައްކަތް ކުރަނީ ސައިޓުތައް ބަންދު ނުކޮށް ކަމަށެވެ. އެއީ މި ދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށް ވުމުން، އެފަދަ ތަނެއް ބަންދުކޮށްފިނަމަ މިފްކޯގެ ހިނގުމަށް ބުރޫ އަރާނެތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ދަށަށް މިފްކޯ އައި އިރު، ފެލިވަރުން އުފައްދަނީ 15 މެޓްރިކް ޓަނުގެ ދަޅު މަހެވެ. މިހާރު އެ ތަނުގެ ކެޕޭސިޓީ 50 މެޓްރިކް ޓަނަށް އިތުރުކޮށް ކޭނިން ފެސިލިޓީސްތައް ތަރައްގީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަހީރު ވިދާޅުވީ މިފްކޯއާ އެސްޓީއޯއިން ހަވާލުވި އިރު އެ ކުންފުނީގެ ބައިނަލްއަގުވާމީ ކަސްޓަމަރުންގެ މެދުގައި ކުންފުންޏާ މެދު އިތުބާރު އޮތީ ގެއްލިފައި ކަމަށެވެ. އެ ފަރާތްތަކުގެ އިތުބާރު އަލުން ހޯދުމުގެ ގޮތުން ކުންފުނީގެ އޮޑިޓެއް ހަދައި، އޮޑިޓްގައި ފާހަގަ ކުރެވުނު ކަންކަން އެއްކޮށްހެން މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާ ގިނަ ދުވަހެއް ނުވެ އަޅުގަނޑުމެންގެ ބަޔަރުންގެ ޓީމެއް އައިސް މިފްކޯ އޮޑިޓްކޮށް، ފުލް ކެޕޭސިޓީގައި ހިންގަން ފެށޭ ވަރަށް އިރާދަކުރެއްވިއްޔާ އޯޑަރުތައް ލިބެން ފަށާނެ. އަދި މީގެ އިތުރުން އަޅުގަނޑުމެންނަށް ވަނީ އާ އިންކުއިރީސްތައް ވެސް ލިބެން ފަށާފަ ވަރަށް ޕޮޒިޓިވްކޮށް،" ޝަހީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިހާރު، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދެމުންދާ ކަމަށެވެ. އަދި ފައިސާ ދިނުމުގައި އިތުރު ދަތިތަކެއް ދެން ކުރިމަތި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.