13 Mar 2017, 15:49
ޒުވާން ލަވަކިޔުންތެރިޔާ އައިމިނަތު ބަތޫލްއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި ކަމަށް ބުނާ ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފިއެވެ.
އުމުރުން 16 އަހަރުގެ ބަތޫލް އަށް ފުލުސް މީހާ ފުރައްސާރަކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ބަތޫލްގެ ފޭސްބުކްގައި ހިއްސާކުރި ފޮޓޯއަކާ ގުޅުވައިގެންނެވެ. ފުލުސް މީހާ ބަތޫލަށް ފުރައްސާރަކޮށްފައި ވަނީ ބަދުއަހުލާގީ ފިލްމު ކުޅޭ އަންހެނާ ގުޅުވައިގެންނެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައީ ބަތޫލްއަށް ފުރައްސާރަކޮށް ފުލުސް މީހާ ސޯޝަލް މީޑިއާގައި ކިޔާފައިވާ އެއްޗެހީގެ ސްކްރީންޝޮޓަކާއި ފުރައްސާރަ ކުރި ކަމަށް ބުނާ ފުލުސް މީހާ ޔުނީފޯމްގައި ހުރެ ނަގާފައިވާ ފޮޓޯއެއް ޓްވީޓާގައި ޝެއާ ކުރުމުންނެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަޑް ޑައިރެކްޓްރޭޓުން އެ މައްސަލަ ބެލުމަށްފަހު އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރީ މިއަދު އެވެ.
ސަންއާ ވާހަކަދައްކަމުން އެ ފުލުސް މީހާ ބުނެފައި ވަނީ ބަދުއަހުލާގީ ފިލްމު ކުޅޭ އަންހެނަކާ ބަތޫ ވައްތަރު ކަމަށް ބުނެ، އަޅުވާ ކިޔައިފައި ނުވާނެ ކަމަށެވެ.
އެސްސީ ކޮންޓަބަލެއްގެ މަގާމުގައި ހުރި އެ ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ނަމަށް ހުތުރު އަރާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދެއްކި ކަމަށް ބުނެއެވެ.
އެ މައްސަލަ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.