13 Mar 2017, 14:48
ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަމްފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަނީ ޖަލުގައި ކޮންކްރީޓް ހޮހޮޅައެއްގައި ނޫން ކަމަށް އެޗްއާރުސީއެމް އިން ބުނެފި އެވެ.
އަދީބު ހުންނަވަނީ ކޮންކްރީޓް ހޮހޮޅައެއްގައި ކަމަށް އެކި ފަރާތްތަކުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ.
މިއަދު ހެނދުނު، ހިއުމަން ރައިޓްސް ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކުރުމަށް އެ ކޮމިޝަނުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ އަދީބު ކޮންކްރީޓް ހޮހޮޅައެއްގެ ތެރޭގައި އޮތްކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއީ ސައްހަ ވާހަކައެއް ނޫން ކަމަށެވެ.
މިއަދު އެޗްއާރުސީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެންނަށް އެބަހުރި ސިޔާސީ މަގާމުތަކުގައި އުޅުއްވުމަށްފަހު ޖަލުގައި ތިބި ބޭފުޅުންނާ ބެހޭ މައްސަލަތައް ވެސް. އެހެން ނަމަވެސް ވަކިވަކި މައްސަލަތަކަށް ފީނައިގަތުމަކީ ފަސޭހަކަމެއް ނޫން. އެހެންނަމަވެސް ހޮހޮޅައެއްގައި [އަދީބު] އޮންނެވިކަމަށް އެ ވިދާޅުވާ ވާހަކައަކީ ހަމަ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއްކަން އަޅުގަނޑަށް ހަމަ ދަންނަވާލަން ކެރޭނެ އިނގޭތޯ،" ޝިފާގު ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވީ ޖަލުގައި އެކަހެރި ބައްދަލުވުންތައް ބާއްވާ ތަނަކީ ވެސް މިހާރު "މާލޭގައި އެންމެ ރަނގަޅު އެޕާޓްމަންޓަކަށް ވުރެ ހަމަ ރަނގަޅު" ތަނެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ކަންކަން ރަނގަޅު ކުރެވޭނީވެސް ޑީޕީއާރުއެސްގެ ބަޖެޓުން ތަންދޭ މިންވަރަކުން ކަމަށެވެ.
ޝިފާގު އިތުރަށް ވިދާޅުވީ ޖަލުގައި ހައްޔަރުކޮށްފައި ހުންނަ ފަރާތަކާ ގުޅޭގޮތުން ދަށުދަރަޖައިގެ އަމަލެއް، ނުވަތަ އެއިން ފަރާތެއްގެ ހައްގަކަށް އުނިކަން ލިބޭގޮތަށް ކަންކަން ކުރާނަމަ އެ ކޮމިޝަނުން އެފަދަ މައްސަލަތައް ބަރާބަރަށް ބަލަމުން ގެންދާނެ ކަމަށެވެ.
އަދީބާ ހުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ޝިފާގު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ބަލައި ފައިސަލާ ކުރުމަށްފަހު ނޫނީ އެ މައްސަލައާ ގުޅޭގޮތުން ވަކިއެއްޗެއް ދެންނެވެން ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި މިވަގުތަށް އަޅުގަނޑަށް ދަންނަވާލެވެން އޮތީ އެބޭފުޅާ އޮތީ ހޮހޮޅައެއްގެ ތެރޭގައެއް ނޫނޭ. ދެންހުރި ކަންތައްތަކާ ގުޅޭގޮތުން އަޅުގަނޑަށް އެއްޗެއް ދެންނެވޭނީ މައްސަލަ ބެލުމަށް ފަހު،" ޝިފާގު ވިދާލުވި އެވެ.