02 Jul 2011, 12:58
އެއްލާލާފައި އޮއްވާ ގދ. ތިނަދޫން ފެނުނު ތުއްތު ކުއްޖާގެ މަންމަ ހޯދަން ފުލުހުން ފެށި މަސައްކަތުގައި ތުހުމަތަށް ހައްޔަރުކުރި ގއ. ނިލަންދޫ އަންހެނަކު ބަލިވެ އިނދެ ދަރިފުޅު ވައްޓާލާފައިވާ ކަމަށް ތަހްޤީޤުގައި އިއުތިރާފްވެއްޖެ އެވެ.
ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 28 އަހަރުގެ އަންހެން މީހާއަކީ މީހަކާ ވެސް ނުއިދެ އުޅޭ މީހެއް ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އޭނާގެ ކިބައިން ސާފުކުރި އިރު ބަލިވެ އިނުމަށްފަހު އެބޯޝަން ހައްދައި ދަރިފުޅު ވައްޓާލާފައިވާ ކަމަށް އިއުތިރާފުވުމުން މިވަގުތު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދަރި ވައްޓައިލީ ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ކަމެއް ފުލުސް ސަބް އިންސްޕެކްޓަރު ވިދާޅެއްނުވެ އެވެ.
"އެ އަންހެން މީހާ ބަލިވެ އިންތާ ކުރީކޮޅު ދަރިފުޅު ވައްޓާލާފައިވާކަން ތަހްގީގުގައި ވަނީ އެއްބަސްވެފައި،" ސަބް އިންސްޕެކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިލަންދޫ އަންހެން މީހާ ހައްޔަރު ކުރި ދުވަހުގެ ރޭ، އެބޯޝަން ހެއްދުމުގައި އޭނާ އަށް އެހީވެދިން ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ވެސް ހައްޔަރުކުރި ކަމަށާއި އޭގެތެރެއިން އެކަކީ ބިދޭސީއެއް ކަމަށެވެ. އެ ދެމީހުންގެ ތަފްސީލެއް ވެސް ސަބް އިންސްޕެކްޓަރު ނުދެއްވި އެވެ.
ތިނަދޫން ފެނުނު ތުއްތު ފިރިހެން ކުއްޖާގެ މަންމަ ހޯދަން ފުލުހުން އިންވެސްޓިގޭޓް ކުރަމުންދަނިކޮށް ފެން މަތިވި ދަރިވައްޓައިލުމުގެ މި މައްސަލަ ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.
ވިހާފައި ތިނަދޫގެ ގަރާޖެއްގެ ތެރެއަށް މިދިއަ މަހުގެ 21 ވަނަ ދުވަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ ހޯދަން ފުލުހުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ތުއްތު އެ ކުއްޖާ މިހާރު އޮތީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔަލުގަ އެވެ.