މިދުވަސްކޮޅު ރާއްޖޭގައި ފެތުރެމުންދާ ހުމާއި ރޯގާގެ ސަބަބުން ސްކޫލުތަކާއި އެހެނިހެން ތަންތަން ބަންދުކުރާ ހާލަތަށް ނުދާ ކަމަށް، ހެލްތް މިނިސްޓްރީން ބުނެފި އެވެ.

މިހާރު ފެތުރެމުން އަންނަ ވައިރަލް ހުމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ ކަމާ ގުޅޭ ކޮމިޓީއަކުން މިއަދު އެ މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ރާއްޖޭގައި އާއްމުކޮށް ފެންނަ ވަރަށްވުރެ ރޯގާގެ ކޭސްތައް މިދުވަސްވަރު ގިނަވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރޯގާއާއި އެޗްވަންއެންވަންގެ ކޭސްތައް ގިނަވި ނަމަވެސް އެބަލި ޖެހޭ މީހުންގެ ހާލަތު ނުރައްކާވާާ ހިސާބަކަށް ގޮސްފައި ނުވާ ކަމަށާއި، އާއްމު ރައްޔިތުން އެކަމާ ބިރު ގަންނަން ނުޖެހޭ ކަމަށެވެ.

ީ"މީ އާއްމު ރައްޔިތުން ބިރުގަނެ ރޯގާފަދަ އަލާމާތެއް ފެންނަ އެންމެން ހޮސްޕިޓަލްގައި އެޑްމިޓް ވާން ޖެހޭ ހިސާބެއް ނޫން. އާއްމު ރައްޔިތުން ވިސްނަންވީ، ކަންބޮޑުވަންޏާ ވާންވީ މީ ފެތުރިދާނެ ބައްޔަކަށް ވާތީ ފެތުރުން ހުއްޓުވަން،" ނިޔާފް ވިދާޅުވި އެވެ.

އެގޮތުން އަތް ސާފުކޮށް ދޮވުމާއި، ރޯގާ ޖެހިފައިވާ ނަމަ އާއްމު ތަންތަނަށް ދިއުން މަދު ކުރުމާއި، އަދި ކިނބިހި އަޅައި ކެއްސާނަމަ އެމީހެއްގެ ފަރާތުން ވައިރަސް ފެތުރުން ހުއްޓުވުމަކީ އެބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަމެއް ކަމުގައި ނިޔާފް ވިދާޅުވި އެވެ.

ނިޔާފް ވިދާޅުވީ، ސްކޫލުތަކާއި ގައުމު ބަންދު ކުރަންޖެހޭ ހިސާބަށް އަދި ނުދާ ކަމަށާއި، އެ ހިސާބަށްދާނަމަ އެކަމަށް ސަމާލުކަންދީ އެކަމާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ފެންނަނީ މުޅިން އާ ބާވަތެއްގެ ބައްޔެއް ނޫން ކަމަށާއި، އެ ބައްޔަކީ އާދައިގެ ފަރުވާތަކުންވެސް ރަނގަޅު ކުރެވޭ ބައްޔެއް ކަމަށެވެ.

ްއެ ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން ވިދާޅުވީ، އެޗްވަންއެންވަން އަށް 208 މީހަކު ޓެސްޓު ކުރެވި 27 މީހަކު މިއަހަރުގެ ތެރޭގައި ޕޮޒިޓިވް ވެފައިވި ނަމަވެސް އެ މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ރަނގަޅުވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ބަލިތަކަށް ފަރުވާ ދެމުން ދަނީ ރިޕޯޓަށް ބަލައިގެން ނޫން ކަމަށާއި، ބަލީގެ އަލާމާތްތަަކަށް ކަމަށެވެ. އެހެން ކަމުން ގިނަ ފަހަރު ރިޕޯޓު ލިބޭއިރު ބަލިޖެހޭ މީހާ ހުންނަނީ ބަލިން ރަނގަޅުވެފައި ކަމަށެވެ.