13 Mar 2017, 14:08
ޓީސީ އޮތީ ދެވަނަ މެޗަށް ވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗަކީ މުހިއްމު މެޗެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
މާލޭ ލީގުގައި ޓީސީ އެންމެ ފުަރަތަމަ ކުޅުނު މެޗުން ވަނީ ވެލެންސިއާ އަތުން 3-0 ނަތީޖާއަކުން މޮޅުވެފައެވެ.
މާލޭ ލީގުގައި މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ޓީސީ ބައްދަލުކުރާ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމްބެ ބުނީ މާދަމާގެ މެޗުގައި ޓީސީގެ ކުޅުންތެރިން 100 އިންސައްތަ މަސައްކަތް ކުރާނެ ކަމަށާއި ބޭނުންވަނީ ރަނގަޅު ނަތީޖާނެރެން ކަމަށެވެ.
ނިޒާމްބެ ބުނީ ޔުނައިޓެޑް ވިކްޓަރީއަކީ މިދިޔަ ސީޒަނުގައިވެސް ވަރުގަދަކޮށް، ހުރިހާ ޓީމުތަކަށްވެސް ރަނގަޅު "ފައިޓެއް" ދިން ޓީމެއްކަމަށެވެ.
""ޓީސީއަށް މިވަގުތު މުހިއްމީ ކުރިއަށް މި އޮތް ދެ މެޗުން މޮޅުވެ ތާވަލުގެ ރަނގަޅު ހިސާބަކަށް އެރުން އަދި ގަބޫލު ކުރަނީ މި މެޗު ފަސޭހަ ނުވާނެ ކަމަށް،" ނިޒާމްބެ ބުންޏެވެ.
މެޗާ ގުޅޭ ގޮތުން ޔުނައިޓެޑް ވިކްޓަރީގެ އެސިސްޓެންޓް ކޯޗު އަހުމަދު މުރުތަލާ ބުނީ ޓީމު އޮތީ ތައްޔާރަށް ކަމަށާއި ޓީސީ އަތުން މޮޅުވެއްޖެ ނަމަ އެ ވެގެންދާނީ ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރަކަށް ކަމަށެވެ.
އޭނާ ބުނީ ޓީސީ އަތުން ޕޮއިންޓެއް ނަމަވެސް ބޭނުން ކަމަށާއި ޔޫވީ ތައްޔާރުވި ވަރާ ބަލާއިރު އެ ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ.
"ޔޫވީ ތައްޔާރުވި ވަރާ ބަލާއިރު ނަތީޖާ ރަނގަޅު. އުންމީދު މިކުރަނީ މާދަމާގެ މެޗުންވެސް އެންމެ މަދުވެގެން ޕޮއިންޓެއް ހޯދޭނެ ކަމަށް. އެންމެ ބޮޑު މައްސަލައަކީ އަނެއްކާވެސް ހަވީރު ކުޅެން ޖެހުން،" މުރުތަލާ ބުންޏެވެ.
މާލޭ ލީގުގައި މި ދެޓީމު ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 16:00 ގައި ގައުމީ ދަނޑުގައެވެ.