ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

ފާރިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އޭސީސީ އަށް ހާޒިރުކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ދިމާކޮށް ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.

އޭނާ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފާރިސް ވިދާޅެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފާރިސް އޭސީސީ އަށް ހާޒިރުވާން އަންގާފައިވާ އިރު، އޭނާ އިސްވެ ހުންނަވައިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފަ އެވެ.

އެމައްސަލަ މަޖިލީހަށް ވެއްދީ 25 މެމްބަރުންގެ ސޮޔާ އެކު އެވެ. އޭގެތެރޭގައި އެމްޑީޕީ ޖޭޕީ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަފާތެރި، މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ.