13 Mar 2017, 13:12
އިންފްލްއެންޒާއަށް ޝައްކު ކުރެވޭ ކުއްޖަކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާ އާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ވާހަކަ ދައްކަވަމުން ޑ. އަބްދުﷲ ނިޔާފް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ސިވިއާ ރެސްޕިރޭޓަރީ އިންފެކްޝަނަކަށް ފަރުވާދެމުންދާ ކުއްޖަކު އޮތް ކަމަށެވެ.
އެނާ ވިދާޅުވީ، އެ ކުއްޖާ، އިންފުލުއެންޒާ ޓެސްޓިންވެސް ހަދަމުންދާ ކަމަށާއި، ފްލޫގެ އަލާމާތްތައް ފެންނާތީ އެކަމަށްވެސް ފަރުވާ ކުރަމުން ދާ ކަމަށެވެ.
""އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި މިވަގުތު ސިވިއާ ރެސްޕިރޭޓަރީ އިންފެކްޝަނަކަށް ފަރުވާ ދެމުންދާ ކުއްޖަކު އެބައޮތް. އިންފުލުއެންޒާ ޓެސްޓިންވެސް ހަދަމުން މިދަނީ ފްލޫގެ އަލާމާތްތައް ފެންނާތީ އެއަށް ފަރުވާސް ކުރަމުން މިގެންދަނީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.
ނިޔާފް ވިދާޅުވީ، އެކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ފުރާނައަށް ނުރައްކާތެރި ހާލަތަކަށް އެ ކުއްޖާ ނުދާ ކަމަށެވެ. އެހެން ނަމަވެސް އެ ކުއްޖާއަކީ އައިސީޔޫގައި ބާއްވައިގެން ފަރުވާ ކުރަން ޖެހޭ ވަރަށް ބަލި ކުއްޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ނިޔާފް ނުދެއްވައެވެ.