02 Jul 2011, 12:27
އެކި ދުވަސްމަތިން ގަދަކަމުން ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމަށް ތުހުމަތު ކުރެވުނު މީހަކު ގދ. ފަސްރެސްމާތޮޑާ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އުމުރުން 13 އަހަރުގެ ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފަރެސްމާތޮޑާ އިން ހައްޔަރުކުރީ 60 އަހަރުން މައްޗަށް ގޮސްފައިވާ ފިރިހެނެއް ކަމަށެވެ. އެމީހާގެ ވަނަވަރު ހާމަ ނުކޮށް ހަމައެކަނި ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
ނަން ހާމަ ނުކޮށް، ފަރެސްމާތޮޑާ މީހަކު ބުނީ އެ ފިރިހެން މީހާ، ކުޑަ އަންހެން ކުއްޖާއާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމަށް "ބޭއަދަބީ އެއްޗެހިތަކެއް" އަޅާފައިވާ ފޯނެއް ވެސް ދިން ކަމަށެވެ. އަންހެން ކުއްޖާ އެ ފޯނު ގެންގުޅުނީ މައިންބަފައިނަށް ފޮރުވައިގެން ކަމަށާއި އެކަން ފަޅާއެރީ ވެސް ފޮރުވައިގެން ގެންގުޅުނު ފޯނު ކުޑަކުއްޖާގެ މައިންބަފައިނަށް ފެނި، އެ ކުއްޖާއާ ސުވާލު ކުރުމުން ކަމަށެވެ.
"އެ މީހާ އެ ކުއްޖާ އަތަށް ފޯނެއް ދީ، ގުޅުން ބާއްވައިގެން އެކަން ކުރާތާ އެތައް ދުވަހެއް ވެއްޖެ. ފޯނުގައި ބޭއަދަބީ އެއްޗެހިތަކެއް ހުރި ކަމަށް ވަނީ. އެ ފޯނު ފޮރުވައިގެން އުޅެނިކޮށް މައިބަފައިނަށް ފަޅާއަރައިގެން )ފުލުހުންނަށް( ރިޕޯޓް ކުރީ،" އެމީހާ ކިޔައިދިނެވެ.