ދިވެހި ޕާސްޕޯޓާ އެކު ބޭރު ޕާސްޕޯޓު ލިބިފައިވާ ދިވެހި ރައްޔިތަކު، ބޭރު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމަށްފަހު ދިވެހި ޕާސްޕޯޓުގައި ބޭރަށް ފުރާ ނަމަ ބޭރު ޕާސްޕޯޓުގައި ރާއްޖެއިން ބޭރުވި ކަމުގެ ތައްގަނޑު ޖަހައި ނުދޭ ގޮތަށް ވައިގެ މަގުން ރާއްޖެ އެތެރެ ވުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މިއަދު ގެޒެޓުކޮށްފައިވާ އެ ގަވާއިދުގައި ބުނަނީ ދިވެހި ޕާސްޕޯޓާ އެކު ބޭރު ޕާސްޕޯޓު ލިބިފައިވާ ދިވެހި ރައްޔިތަކު، ބޭރު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމަށްފަހު ދިވެހި ޕާސްޕޯޓުގައި ބޭރަށް ފުރަން ބޭނުން ނަމަ އެމީހަކު ދިވެހި ޕާސްޕޯޓުގައި ފުރުވައިލެވިދާނެ ކަމަށެވެ. ނަމަވެސް އެހާލަތުގައި އެމީހަކު ރާއްޖެ އެތެރެވި ބޭރު ގައުމުގެ ޕާސްޕޯޓުގައި، އެމީހަކު ރާއްޖެއިން ފުރި ކަމުގެ ތައްގަނޑު ޖަހައި ނުދެވޭނެ ކަމަށް އަލަށް ގެނައި އިސްލާހުގައި ވެއެވެ.

މި އިސްލާހު ގެނެސްފައިވަނީ އެ ގަވާއިދުގެ ދެ ވަނަ މާއްދާ އަށެވެ. އެގޮތުން އެ މާއްދާއަށް ވަނީ އަކުރެއް އިތުރުކޮށްފައެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ނަމަ، ބޭރު ގައުމެއްގައި ހުރި ދިވެހި ރައްޔިތަކު ރާއްޖެ އައުމަކީ ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ރާއްޖެ އަންނަ އިރު، އެމީހެއްގެ އަތުގައި ދަތުރުފަތުރުކުރުމުގެ ހުއްދައެއް ނެތް ނަމަ އެމީހަކީ ދިވެހި ރައްޔިތެއްކަން ސާބިތުކޮށްދިނުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެއް ކަމުގައިވެސް ވެއެވެ.