13 Mar 2017, 13:20
މޯލްޑިވިއަން އައިޑޮލްގެ ކާމިޔާބު ފުރަތަމަ ސީޒަނަށްފަހު ދެވަނަ ސީޒަން ފަށައި މިހާރު މިއޮތީ އެންމެ ފޯރި ގަދަ ހިސާބަށް އައިސްފައެވެ. ގަދަ ދިހަ ބައިވެރިން ހޮވާފައިވާއިރު ދެން ދާނީ މުޅިން ވެސް ގަދަ ހިފުމެވެ. އައިޑޮލްގެ ދެވަނަ ސީޒަން ކުރިއަށްދާއިރު އަދިވެސް ދިވެހިންގެ ހިތްތަކުގައި ފުރަތަމަ ސީޒަންގެ ބައިވެރިން ހަނދާނެއް ނުނެތެއެވެ.
ސަބަބަކީ ކޮންމެ ބައިވެރިއަކު ވެސް ދިޔައީ ފަނޑިޔާރުންނާއި ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްލުމަށްފަހު ކަމަށްވާތީއެވެ. ހިތްގައިމު ލަވަތަކެއް އެހުންތެރިންނަށް ދޫކޮށްފައެވެ. އޭގެ ތެރެއިން އެއް ބައިވެރިއަކީ ފުރަތަމަ ސީޒަން ގައި ކުރުކޮށް ހުރި ނަމަވެސް ވަރުގަދަ އަޑެއްގެ ވެރި، އަބްދުﷲ ސާދިގު (ސޯދު)އެވެ.
ގއ. ކޮލަމާފުއްޓަށް އުފަން ސޯދުއަކީ އެންމެ ކުޑައިރުންސުރެ ވެސް ލަވަ ކިޔުމަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރިއެކެވެ. އައިޑޮލް އިން ބެލުންތެރިންގެ ލޯބި ހޯދުމުގެކުރިން ރަށުގައި ބާއްވާ ޝޯތަކުގައި ހުށަހަޅައިދީ އޭނާއަކީ ރަށު ރައްޔިތުންގެ އައިޑޮލްއެކެވެ.
އައިޑޮލް ހޯދުމަށް ހިތްވަރާއެކު މަސައްކަތް ތަކެއް ކުރި ނަމަވެސް އައިޑޮލްގެ ގަދަ ހަތަކާ ހަމައިން ސޯދު ޖެހުނީ އައިޑޮލްގެ ދަތުރު ނިންމާލާށެވެ. ދަތުރު ނިންމާލި ނަމަވެސް ލަވަ ކިޔުން ހުއްޓާނުލާނޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ސާދިގު (ސޯދު) ލަވަ އެއް ހުށަހަޅައިދެނީ ----
އެއީ ތެދެކެވެ. އައިޑޮލް އިން ވަކިވުމަށްފަހު މާލޭގައި ބޭއްވި ބައެއް ޝޯ ތަކުން ސޯދުގެ އަޑު ވަނީ އިވިގެން ގޮސްފައެވެ. ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް އަހުމަދު ފަސީހް (ފަސީ)އާ އެއްކޮށް ވެސް އޭނާ ވަނީ ފެނިގެންގޮސްފައެވެ. މިދިޔަ އަހަރުގެ އަޟްހާ އީދުގައި ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުކަންވެސް ފިލުވައިދިން އެއް އަޑަކީ ސޯދުގެ އަޑެވެ.
ސޯދު މިވަނީ އަނެއްކާވެސް އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރަކާއެކު އައިސްފައެވެ.
"އިރާދަކުރެއްވިއްޔާ މިމަހުގެ ފަހުކޮޅު އަޅުގަނޑު އެބަ މަސައްކަތް ކުރަން ލަވައެއް ނެރެން،" މިއީ ސޯދުގެ ފޭނުންނަށް އޭނާ ދިން އުފާވެރި ޚަބަރެކެވެ.
ސޯދު ބުނީ، އޭނާގެ ތިން ލަވައެއް މިހާރުވެސް ނިމިފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު އޯޑިއޯ ލަވައެއް ރިލީޒް ކުރާނެ ކަމަށެވެ. އެ ލަވަތައް ރިލީޒް ނުކުރެވި ހުރީ ވީޑިއޯއާ އެކު ބެލުންތެރިންނަށް ދައްކާލަން ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ. އެ ތިން ލަވަ ވަރަށް އަވަހަށް ބެލުންތެރިންނަށް ފެންނާނެ ކަަމަށްވެސް އޭނާ ބުންޏެވެ.
ސޯދު އަށް ވަނީ ގިނަ ލަވަތަކެއް ރެކޯޑް ކުރުމުގެ ފުރުސަތުވެސް ފަހިވެފައެވެ.
"އަސްލު އައިޑިލް ތެރޭންވެސް ވަރަށް ބައިވަރު އޮފާ ތައް ލިބުނު. އެކަމު ފަހުން އެ އޮފާ ދޭމީހުންގެ ޚަބަރެއް ނުވޭ. އެހެންވެ އަމިއްލަ ލަވަތައް ވެސް ގެންނަން މިއުޅެނީ،" ސޯދު ބުންޏެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ޝޯ އެއްގައި ސާދިގު (ސޯދު) ލަވައެއް ހުށަހަލައިދެނީ----
އޭނާ ބުނީ، ލަވަ ކިޔުމާ ދުރަށް ނުދާނެ ކަމަށާއި ދުރަށް ދިޔުމުގެ ޚިޔާލެއްވެސް ނުގެންގުޅޭ ކަމަށެވެ.
އައިޑޮލްގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަކަމަށާއި އޮގޮތުން އަޚުލާގާއި، ލަވަކިޔުމުގައި ގެންގުޅެންވާ އުސޫލުތައް ވެސް ދަސް ވިކަން އޭނާ ބުންޏެވެ. އަދި މިހާރު އޭނާ ކުރަމުންދާ މަސައްކަތްތަކަކީ ލަވަތަކުގެ ރާގު ހެދުން ކަމަށްވެސްސޯދު ބުންޏެވެ.
"މި މަސައްކަތަކީ އަބްދުﷲ މުނާޒު ކިޔާ ހުނަރުވެރިއެއްގެ އެއްބާރުލުމާ އެކު ދަސްކުރާ ކަމެއް. އެކަމަށްޓަކައި މުނާޒަށް އަޅުގަނޑު ޝުކުރު ދަންނަވަން،"