ޖަރުމަނުގެ އެންމެ ބޮޑު އެއް ޓްރެވަލް ގްރޫޕުކަމުގައިވާ އައިޓީއެސް އިން ދެމުން އަންނަ އައިޓީއެސް ރެޑް ސްޓާ އެވޯޑު ރާއްޖޭގައި ހިންގާ ރިސޯޓެއް ކަަމަށްވާ ސަމާ އައިލެންޑަށް ލިބިއްޖެ އެވެ.

އެ އެވޯޑަކީ އައިޓީއެސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ސަމާ އައިލެންޑާ ހަވާލުކުރީ އިއްޔެގެ ނިޔަލަށް އެގައުމުގެ ބާލިންގައި ކުރިއަށްދިޔަ އައިޓީބީ ފެއާގެ ތެރެއިންނެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ އެ ރިސޯޓުގެ މެނޭޖަރު މާރިޔާ ޝަރީފް އެވެ. އައިޓީއެސްގެ އެ އެވޯޑާ އެކު އެ ގްރޫޕުގެ އެންމެ މަގުބޫލު އަދި އެންމެ ޚިދުމަތް ރަނގަޅު 100 ހޮޓާ އަދި ރިސޯޓުތަކުގެ ލިސްޓުގައި ސަމާ އައިލެންޑް ވަނީ ހިމެނިފައެވެ.

އައިޓީއެސްއިން ކޮންމެ އަހަރަކުވެސް މުޅި ދުނިޔެއިން، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ޚާއްސަ 100 ފަރާތެއް އެވޯޑަށް ހޮވައެވެ. އެ ފަރާތްތައް ހޮވާފައިވަނީ އައިޓީއެސް ޕޯޓްފޯލިއޯގައި ހިމެނޭ 2500 އެއްހާ ފަރާތްތަކުގެ ތެރެއިންނެވެ.

އެ އެވޯޑަށް ރިސޯޓުތަކާއި ހޯޓާތައް ހޮވަނީ ތިން ކަމަކަށް ބަލައިގެންނެވެ. އެއީ ގެސްޓުން އެ ރިސޯޓަކާ މެދު ދެކޭ ގޮތުގެ މައްޗަށް ގެސްޓުން ކުރާ ކޮމެންޓުތަކާއި، އެ ރިސޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރާއި، ދެވޭ ޚިދުމަތްތަކުގެ ސަބަބުން ގެސްޓުން ހިތްހަމަޖެހޭ މިންވަރަށް ބަލައިގެންނެވެ.

ސަމާ އައިލެންޑުގެ މޭނޭޖަރު، މާރިޔާ ވިދާޅުވީ އެ އެވޯޑު ހާސިލްވުމަކީ އެ ރިސޯޓަށް ލިބުނު ޝަރަފެއް ކަމަށެވެ.

"މި ރިސޯޓު އަލުން ހުޅުވީ މީގެ ދެ އަހަރު ކުރިން. އަޅުގަނޑުމެންގެ މުވައްޒަފުންގެ ފޯކަސް ހުންނަނީ ގެސްޓުންނަށް ރަނގަޅު ޚިދުމަތެއްދީ އެމީހުން ހިތްހަމަޖައްސަން. ޓްރިޕް އެޑްވައިޒާގަވެސް ރަނގަޅު ރިވިއުތަކެއް ލިބެމުން އެބަދޭ. އެކަމަކު ރެޑް ސްޓާ އެވޯޑު ލިބުމުން ދޭހަ ވަނީ އަޅުގަނޑުމެންގެ ރިސޯޓަށް ގެސްޓުން ލޯބި ޖެހިފައިވާކަން. ރިސޯޓުގެ މުވައްޒަފުންނާ މެދު ފަޚުރުވެރިވަން. އަދި މި އެވޯޑޫ ހާސިލް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" މާރިޔާ ވިދާޅުވިއެވެ.

ސަމާ އައިލެންޑް ރިސޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓުތަކުގެ ތެރެއިން ރިސޯޓެކެވެ. އެ ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ.