13 Mar 2017, 12:38
އދ(މާޗް 13): މިދިޔަ އަހަރަކީ ސީރިއާގެ ދާހިލީ ހަނގުރާމައިގައި އެންމެ ގިނަ ކުޑަކުދިން މަރުވި އަހަރު ކަމަށް ޔުނިސެފުން ބުނެފި އެވެ.
އެޖަމިއްޔާއިން ބުނި ގޮތުގައި މިދިޔަ އަހަރު ސީރިއާގައި ގާތްގަނޑަކަށް 652 ކުދިން މަރުވެފައިވެ އެވެ. އޭގެ ތެރެއިން 255 ކުދިން މަރުވެފައި ވަނީ ސްކޫލުގައި ތިއްބާ ނުވަތަ ސްކޫލެއް ކައިރީ ތިއްބައެވެ. އަދި އެއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 20 ޕަސެންޓު އިތުރު އަދަދެއް ކަމަށް ޔުނިސެފުން ފާހަގަ ކުރި އެވެ.
ނަމަވެސް އެރިޕޯޓުގައި ހިމެނެނީ މަރުވެއްޖެކަން ރަސްމީގޮތެއްގައި ޔަގީންވެފައިވާ ކުދިން ކަމުން މިދިޔަ އަހަރު މަރުވި ކުޑަކުދިންގެ އަސްލު އަދަދު އިތުރުވެދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ޔުނިސެފުން ގަބޫލު ކުރާ ގޮތުގައި މިދިޔަ އަހަރު ސީރިއާގެ ހަނގުރާމައިގައި 850 ކުޑަކުދިން ބައިވެރިކޮށްފައިވެ އެވެ. އެއީ 2015 ވަނަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެއް ކަމަށާއި އެކުދިން ހަނގުރާމައިގެ އެންމެ ކުރީ ސަފަށް ނެރުމުގެ އިތުރުން މީހުންގެ ބޯ ބުރިކޮށް، އަމިއްލައަށް މަރުވެގެން ހަމަލާ ދިނުމަށް މަޖުބޫރު ކުރުވާ ކަމަށް ޔުނިސެފުން ބުންޏެވެ.
ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނުތާ ހަ އަހަރު ވާން ކައިރިވެފައިވާ އިރު އިންސާނީ އެހީއަށް ބޭނުންވެފައިވާ ހަ މިލިއަން ކުޑަކުދިން އެގައުމުގައި އެބަތިއްބެވެ. އަދި ހަނގުރާމައިން ސަލާމަތްވުމަށް 2.3 މިލިއަން މީހުން ގައުމު ދޫކޮށް ގޮަސްފައިވާ އިރު ނުރައްކާތެރި ހިސާބުތަކުގައި އަދިވެސް 2.8 މިލިއަން މީހުން ތާށިވެފައި ތިބި ކަމަށް ޔުނިސެފުން ބުނެ އެވެ. (ބީބީސީ)