13 Mar 2017, 10:48
އިންޓަ ސްކޫލް އަދި ކޮލެޖް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަހްމަދިއްޔާ ސްކޫލު ހޯދައިފި އެވެ.
ރޭ ކުޅުނު ފައިނަލު މެޗުގައި ވާދަކޮށްފައި ވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލައާ ސެންޓާ ފޯ ހަޔާ އެޑިޔުކޭޝަން (ސީއެޗްއެސްސީ) އެވެ. މި މެޗު އަހްމަދިއްޔާ ސްކޫލުން ގެންދިޔައީ ސީދާ ތިންސެޓުންނެވެ.
ފުރަތަމަ ސެޓު ފޯރިގަދަ ކުޅުމަކަށް ފަހު ގެންދިޔައީ 12-25 އިންނެވެ. ދެވަނަ ސެޓު 15 -25 އިން ގެންދިޔަ އިރު ތިން ވަނަ ސެޓު ގެންދިޔައީ 11-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަހްމަދިއްޔާ ސްކޫލުގެ އަނިނަތު ޝާހާ ޝާމިން އެވެ.
މި މުބާރާތުގެ އެހެން އުމުރު ފުރާތަކުގެ ފައިނަލް މެޗުތައް މިއަދާއި މިިރޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއެޝަނުން ބުންޏެވެ.
އިންޓަ ސްކޫލް އަދި ކޮލެޖް ޔުނިވަސިޓީ ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 44 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި އަތޮޅުތަކަށް ނިސްބަތްވާ ހަ ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ.