ޓެކްސްއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރާށާއި ރަޖިސްޓްރީވާން އެހީތެރިވެ ދިނުމަށް ފެށި "ދޮރުން ދޮރަށް" ކެމްޕޭން ގަލޮޅުގެ ގޭގެ އާއި ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން މިއަދު ފަށައިފި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގަނޫނުގެ ދަށުން ރަޖިސްޓްރީކުރަން އެހީތެރިވެދީ ޓެކްސްއާބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ފެށި ދޮރުން ދޮރަށް ކެމްޕޭން މިއަދު ހެނދުނުން ފެށިގެން އިރުއޮއްސި 6:00 ޖަހަންދެން ކުރިޔަށް ގެންދާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.

އަދި ބުނީ ދޮރުން ދޮރަށް ކެމްޕޭންގައި ގަލޮޅުގެ ގޭގެ އާއި ވިޔަފާރި ހިންގާ ތަންތަނަށް މީރާއިން ދާނެ ކަމަށާއި މީރާގެ ޓީމްތައް ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރި ކުރާ ފަރާތްތައް އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވޭތޯ ބަލާނެ ކަމަށެވެ. ރަޖިސްޓަރީ ކޮށްފައި ނުވާނަމަ ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމާއި، ފޯމް ފުރާނެ ގޮތުގެ މައުލޫމާތާއި، އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް އާބެހޭ ގޮތުން މައުލޫމާތު ދޭނެ ކަމަށް ވެސް ބުންޏެވެ.

ވިޔަފާރި ފައިދާއިން ޓެކްސް ނަގަން ފަށަނީ މި މަހުގެ 18 އިން ފެށިގެނެވެ. ޓެކްހަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ ހަފްތާގައި ވެސް މީރާއިން ވަނީ މި ކެމްޕޭން ހިންގާފަ އެވެ.