ރާމަﷲ (މާޗް 13) : ފަލަސްތީނުގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ސިޔާސީ ބައިބައިވުންތައް ހައްލުކުރުމަށް ޓަކައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ވަކި ޖަމާއަތަކަށް ނިސްބަތްނުވާ މުސްތަގިއްލު ޝަޚްސިއްޔަތުތަކަކާ ރާމަﷲގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ފަލަސްތީނުގައި ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބުތައް ބާއްވަން ޖެހޭ ކަމަށާއި އެކަމަށް ޓަކައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ޖެހޭކަމުގަ އެވެ. އެހެންކަމުން މިކަމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އައްބާސް ވިދާޅުވި އެވެ. ފަލަސްތީނުގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ސިޔާސީ ބައިބައިވުންތައް ހައްލުކުރެވޭނީ ވެސް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައިގެން ކަމަށާއި މިއީ ކުރިން ވެސް ކޮށްފައިވާ ތަޖްރިބާއެއްކަމަށް އައްބާސް ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ބޮޑެތި ހުރިހާ ޖަމާއަތްތަކެއް ހިމެނޭގޮތަށް އައްބާސްގެ ޒަމާއަތުގެ ދަށުން ކުރިން ވެސް ވަނީ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް ދެފަހަރެއްގެ މަތިން އެކުލަވާލާފަ އެވެ. ނަމަވެސް ފަލަސްތީނުގެ ވަތަނީ އެއްބައިވަންތަކަމުގެ ދެ ސަރުކާރުގައި ވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތްފަދަ ޖަމާއަތްތަކުގެ މެންބަރުން ހިމެނޭތީ އިސްރާއީލާއި އެމެރިކާ އައްބާސްއަށް ކުރިމަތިކުރި ފިއްތުންތަކާއި ދެއްކި ބިރުތަކުގެ ސަބަބުން އައްބާސް ވަނީ އެ ސަރުކާރު އުވާލާފަ އެވެ.

އޭގެކުރިން 2005 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި ފަލަސްތީނުގެ ޕާލަމެންޓްރީ އިންތިޚާބު ހަމާސް ޖަމާއަތުން ކާމިޔާބު ކުރުމުން ހަމާސްގެ ލީޑަރެއްކަމަށްވާ އިސްމާއީލް ހަނިއްޔާގެ ބޮޑުވަޒީރު ކަމުގައި އެކުލަވާލި ފަލަސްތީނުގެ ދިމުގްރާތީ ސަރުކާރު ވެސް ވަނީ އިސްރާއީލާއި އެމެރިކާ ކުރިމަތިކުރި ފިއްތުންތަކާއި ބިރުދެއްކުންތަކުގެ ސަބަބުން 2007 ގައި އައްބާސްވަނީ އުވާލައްވާފަ އެވެ.

އެއަށް ފަހު 2007 ގައި ހަމާސް ޖަމާއަތުން ވަނީ ބާރުގެ ބޭނުންކޮށްގެން އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ޣައްޒާ ގެންގޮސްފަ އެވެ. އެމެރިކާއާއި އިސްރާއީލުގެ ބިރުދެއްކުންތަކާ އެކު ފަލަސްތީނުގެ އިންތިޚާބީ ސަރުކާރު އުވާލުމާގުޅިގެން ފަލަސްތީނުގައި އުފެދުނު ދެބަސްވުންތަކާއި ސިޔާސީ ބައިބައިވުންތައް އަދި ވެސް އޮތީ އެގޮތުގަ އެވެ. މިމައްސަލަ ހައްލުކުރުމަށް މިހާރު ވެސް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާއާއި އިސްރާއީލުގެ ފިއްތުންތަކެވެ.

ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތްފަދަ ޖަމާއަތްތަކަކީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތްތަކެއް ކަމަށްވާތީ އެޖަމާއަތްތައް ފަލަސްތީނުގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވުމާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލު ގެންދަނީ އައްބާސް އަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. މިއިން ޖަމާއަތެއް ދިމުގްރާތީ އުސޫލުން ފަލަސްތީނުގެ އިންތިޚާބު ކާމިޔާބު ކުރިނަމަވެސް ފަލަސްތީނުގެ ވެރިކަމުގެ ނިޒާމު އެފަދަ ޖަމާއަތަކާ ހަވާލުކޮށްގެން ނުވާނެކަމަށް އެމެރިކާއާއި އިސްރާއީލު ދެކެ އެވެ. އެހެންކަމުން އަނެއްކާ ވެސް ފަލަސްތީނުގައި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައިފި ނަމަ އެމެރިކާއާއި އިސްރާއީލުގެ ފިއްތުންތައް ރައީސް އައްބާސް އަށް ކުރިމަތިވެ ވަޑައިގަންނަވާނެތީ މިއީ އައްބާސް އަށް ފަސޭހަކަމަކަށް ނުވާނެކަމަށް މުރާސިލުން ދެކެ އެވެ.

ފަލަސްތީނުގައި ދިމުގްރާތީ ގޮތުން އިންތިޚާބުތައް ބޭއްވުމުގެ ކަންތައް ވެސް ހުއްޓިފައި ވަނީ އެމެރިކާއާއި އިސްރާއީލުގެ މި ފިއްތުންތަކުގެ ސަބަބުންނެވެ. ފަލަސްތީނުގެ ޕާލަމެންޓްގެ އިންތިޚާބީ މުއްދަތު 2009 ވަނަ އަހަރު ހަމަވެފައިވާ އިރު ރައީސް މަހްމޫދު އައްބާސްގެ ރިޔާސީ ދައުރުވެސް ވަނީ 2010 ވަނަ އަހަރު ހަމަވެފަ އެވެ. (ރޮއިޓާސް)