13 Mar 2017, 09:33
ކެންބެރާ (މާޗް 13): އޮސްޓްރޭލިއާގައި ވެކްސިން ނުޖަހާ ކުދިން ޕްރީ ސްކޫލުތަކާއި ޗައިލްޑްކެއާ ސެންޓަރުތަކަށް ފޮނުވުން މަނާ ކުރާ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން ފަށައިފި އެވެ.
އޮސްޓްރޭލިއާގެ ބައެއް ސްޓޭޓުތަކުގައި މިހާރު ވެސް ވަނީ އެފަދަ ގަވާއިދުތައް ހަދައިފަ އެވެ. ނަމަވެސް ބޮޑުވަޒީރު މެލްކަމް ޓާންބުލް ވަނީ ކުޑަކުދިން ބަލިތަކުން ރައްކާތެރި ކުރުމަށް މުޅި ގައުމުގައި ވެސް އެފަދަ ގާނުނެއް ތަސްދީގު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ދަރިފުޅަށް ވެކްސިން ނުޖަހާނަމޭ ބެލެނިވެރިއަކު ބުނުމުން އެކުއްޖާގެ އިތުރުން އެހެން އެންމެންގެ ދަރިން ވެސް ނުރައްކަލަށް ހުށަހެޅޭ،" އޮސްޓްރޭލިއާގައި ދާދި ފަހުން ހޯއްގޮއްވާ ކެއްސުން ބަލި ޖެހިގެން ކުއްޖަކު މަރުވި ކަމަށް ފާހަގަ ކުރައްވަމުން ޓާންބުލް ވިދާޅުވި އެވެ.
އަދި އާ ގާނޫނުގެ ދަށުން ހުރިހާ ޕްރީސްކޫލުތަކާއި ޑޭކެއާ ސެންޓަރުތަކަށްދާ ކުދިންގެ ތެރެއިން ވެކްސިންޖަހާފައިވާ ކުދިންގެ އަދަދު ހުރިހާ ބެލެނިވެރިންނަށް ވެސް އެނގޭނެ ގޮތް ހަދާނެ ކަމަށް ބޮޑުވަޒީރު ޓާންބުލް ވިދާޅުވި އެވެ.
މީގެ އިތުރުން، އެ ގާނޫނު ތަސްދީގު ކުރުމުން ހާއްސަ ސިއްހީ މައްސަލައަކާ ނުލައި، ދަރިފުޅަށް ވެކްސިން ޖަހަން ދެކޮޅު ހެދުމުގެ ހައްގު ބެލެނިވެރިންނަށް ގެއްލޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)