އަތޮޅު ތެރެ އާއި މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާ އާއި ހުން ޖެހިފައިވާ ބައެއް މީހުންގެ ގައިން އެޗްވަންއެންވަން ފެނިއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ ނެރެނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ކުރި ދިރާސާތަކާއި ޓެސްޓުތަކަކުން އިންފުލުއެންޒާ އެޗްވަންއެންވަން އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ މާހިރުންނާއެކު ސިއްހީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

ދެހާސްނުވަ ވަނަ އަހަރު އިންފުލުއެންޒާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެން ފެށި ފަހުން އެޗްވަންއެންވަން ދަނީ މޫސުމީ ރޯގާއެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންނެވެ.

ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަންގެ ރޯގާ އާއި ދުނިޔޭގައި ފެތުރެމުންދާ ސްވައިން ފުލޫއާ ގުޅުމެއް ނެތް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ، އެހެން ރޯގާތަކެކޭ އެއްގޮތަށް އެޗްވަންއެންވަން އަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށެވެ. ނަމަވެސް މި ބަލީގެ ނުރައްކާ ބޮޑީ ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށެވެ.

އެޗްވަންއެންވަން އާއްމުކޮށް ޖެހެނީ އިންފުލުއެންޒާ ނުވަތަ އަރިދަފުސް ރޯގާވެސް ފެތުރޭ ގޮތަށެވެ. ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހި ތިބޭ މީހުންނަށް ޖަރާސީމު ފެތުރެނީ ކެއްސާ އަދި ކިނބިހި އެޅުމުގެ ތެރެއިންނެވެ. އަދި ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތްލުމުން ވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވާސިލުވެއެވެ.