އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ބާންލީ ބަލިކޮށް، ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ބާންލީ އަތުން ލިވަޕޫލް މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

އެ ނަތީޖާއާއެކު ތާވަލުގެ ހަތަރުވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 28 މެޗުން ލިބުނު 55 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 27 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އާސެނަލަށް 26 މެޗުން ލިބިފައި ވަނީ 50 ޕޮއިންޓެވެ.

މިރޭ ކުޅުނު މެޗުގެ ހަތްވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ބާންލީންނެވެ. މެތިއު ލޯޓަން ދިން ބޯޅައަކުން ބާންލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް އޭޝްލީ ބާންސްއެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާއަށް ބޯޅަ ލިބުނުއިރު ހުރީ ވަރަށް ހުސްކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޑިވޯކް އޮރިގީ ނަގައިދިން ހުރަހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލެންޑްސް ފޯވަޑް ޖޯޖީނިއޯ ވައިނަލްޑަމްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކުރީކޮޅުގައި ބާންލީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، މެޗުގެ 61 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ހޯދައިފައެވެ. އޮރިގީ ދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ހޯދައިދިން އެމްރޭ ޗާންއެވެ. ބާންލީގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.