ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތަކާ ގުޅޭ މައްސަލަތައް ހުށަހެޅޭނީ ހަމައެކަނި މަތީ މަރުހަލާގެ ކޯޓުތަކަށް ކަމުގައި ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާ ގޮތުން އެ އިސްލާހު ގާނޫނަށް ގެނައުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެކަން މިއަހަރު އަވަސްކުރަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޖޭއެސްސީގެ ނިންމުންތަކާ ގުޅޭ މައްސަލަތައް މިހާރު އޮންނަ އުސޫލުގެ ދަށުން ހުށަހަޅަނީ ފުރަތަމަ މަރުހަލާގެ ކޯޓުތަކަށެވެ. ބައެއް ފަނޑިޔާރުންނާ މެދު މީގެކުރިން އެ ކޮމިޝަނުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ދަށު ކޯޓުތަކުން ބާތިލްކޮށްފައި ވެއެވެ.

ޖޭއެސްސީގެ ނިންމުންތައް ދަށު ކޯޓުތަކުން ބަލާތީ ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ސްޕެޝަލް ރެޕަޓުއާ ގެބްރިއާލާ ނައުލް ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.

ރާއްޖެއަށް 2012 ވަނަ އަހަރު ގެބްރިއާލާ ނައުލް ކުރެއްވި ދަތުރުގައި ވިދާޅުވެފައި ވަނީ ޖޭއެސްސީގެ ނިންމުންތަކާ ގުޅޭ މައްސަލަތައް ދަށު ކޯޓުތަކުން ބެލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.