12 Mar 2017, 23:27
ފަސް ކައުންސިލެއްގެ އިންތިޚާބު ބާއްވަން ނުޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް 'ސަން' އަށް މިރޭ ވިދާޅުވީ އެ ފަސް ކައުންސިލްގެ އިންތިޚާބު ނުބާއްވަން ނިންމީ އެ ކައުންސިލްތަކަށް ކުރިމަތިލާފައި ވަނީ މެމްބަރުން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމުގައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެވެސް ދާއިރާއެއްގެ އަތޮޅު ކައުންސިލްގެ އިންތިޚާބަށް ވެސް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުގައިވާތީ އެ ދާއިރާގެ އިންތިޚާބު ވެސް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 1487 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރެއިން 1124 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކަމަށް އަކުރަމް ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން 363 ކެންޑިޑޭޓުން ވާދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.