ދަ ހޭގް(މާޗް 12) : ނެދަލޭންޑްސަށް ވަޑައިގެންނެވި ތުރުކީގެ އާއިލާ އާއި އިޖްތިމާއީ ކަންކަމާބެހޭ ވަޒީރާ ފާތިމާ ބަތޫލް، އެގައުމުން ބޭރުކޮށްލައިފިއެވެ.

ހޮލެންޑްގައި ދިރިއުޅޭ ތުރުކީ ދަރިކޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްޓަކައި ފާތިމާ ބަތޫލް ނެދަލޭންޑްސްގެ ރޮޓަޑަމް އަށް ވަޑައިގެންނެވީ ޖަރުމަނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެއްގަމު މަގުންނެވެ. ނަމަވެސް ފާތިމާ، ރޮޓަޑަމް އަށް ވަޑައިގެންނެވުމާއެކު ނެދަލޭންޑްސްގެ ފުލުހުންވަނީ އެކަމަނާ އައިކޮޅަށް އަނބުރައި ފޮނުވާލައި ނެދަލޭންޑްސްގެ ސަރަހައްދީ ރޮނގުން ބޭރުކޮށްލާފައެވެ.

ނެދަލޭންޑްސް އިން ބޭރުކޮށްލުމުން މޮޓޯކޭޑާއެކު ފާތިމާ ވަޑައިގެންނެވީ ސަރަހައްދީ ރޮނގު ހުރަސްކޮށް އަނެއްކާވެސް ޖަރުމަނަށެވެ.

ނެދަލޭންޑްސްގެ ސަރުކާރުން ތުރުކީގެ އާއިލާ އާއި އިޖްތިމާއީ ކަންކަމާބެހޭ ވަޒީރާ ދެކޮޅަށް މިހާ ހަރުކަށިކޮށް އަމަލުކޮށްފައި މި ވަނީ ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޝާވްޝް އޮގްލޯ ދަތުރުކުރެއްވި މަތިންދާ ބޯޓު އެމްސްޓަޑަމް އެއާޕޯޓްގައި ޖެއްސުން މަނާކުރުމަށް ފަހުގައެވެ. ތުރުކީގެ މިދެވަޒީރުންވެސް ނެދަލޭންޑްސް އަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވީ ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ނެގުމަށްހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަށް ކޭންޕޭން ކުރެއްވުމަށްޓަކައި ނެދަލޭންޑްސްގައި އުޅޭ ތުރުކީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށެވެ.

ނެދަލޭންޑްސްގައި ތުރުކީ ދަރިކޮޅުގެ 4 ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އަދި ޖަރުމަނުގައި ތުރުކީ ދަރިކޮޅުގެ 3 މިލިޔަން މީހުން ދިރިއުޅެއެވެ. މިވޯޓު ކާމިޔާބު ކުރުމަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށާއި އޭނާ އުފެއްދެވި ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަށް ސިޔާސީ ގޮތުން ވަރަށް މުހިއްމު ކަމެކެވެ.

މިއީ އުރުދުޣާންގެ ސިޔާސީ މުސްތަގްބަލާ ގުޅިފައިވާ ވޯޓެކެވެ. ތުރުކީގެ ވަޒީރުން ޔޫރަޕްގެ ގައުމުތަކަށް ވަޑައިގެން އެ ގައުމުތަކުގައި ދިރިއުޅޭ ތުރުކީ ރައްޔިތުންނާ ބައްދަލުކޮށް ރިޔާސީ ނިޒާމަކަށް ވޯޓުދިނުމަށް ބާރުއަޅައި ކޭންޕޭން ކުރައްވަން ބޭނުންފުޅުވަނީ ޕާޓީގެ ހައިސިއްޔަތުންނެވެ.

ތުރުކީގެ އިޖްތިމާއީ ކަންކަމާބެހޭ ވަޒީރާ ނެދަލޭންސްއިން ބޭރުކޮށްލުމުން ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމްވަނީ ނެދަލޭންސްގެ މަސްއޫލުވެރިންނާ އަދި އެގައުމުގެ ސަރުކާރާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.

މީގެ އެއްދުވަސް ކުރިން ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޝާވްޝް އޮގްލޯ ދަތުރުކުރެއްވި މަތިންދާބޯޓު އެމްސްޓަޑަމް އެއަޕޯޓްގައި ޖެއްސުން މަނާކުރި މައްސަލާގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވެސް ވަނީ ނެދަލޭންޑްސްގެ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އުރުދުޣާންވަނީ ނެދަލޭންޑްސްގެ ސަރުކާރަކީ ނާޒީ ސްޓައިލްގެ ފެސިސްޓް ސަރުކާރެއް ކަމަށް ސިފަކުރައްވައި ނެދަރލޭންޑްގެ އިސްވެރިން ތުރުކީއަށް ވަނުން މަނާކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. ނަމަވެސް ނެދަލޭންސް އާ ދެކޮޅަށް ތުރުކީން މާހަރުކަށި ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.

ނެދަލޭންޑްސްގެ ސަރުކާރުން ތުރުކީގެ އިޖްތިމާއީ ކަންކަމާބެހޭ ވަޒީރާ ފާތިމާ ބޭރުކޮށްލާފައި މި ވަނީ އުރުދުޣާން އިންޒާރު ދެއްވިތާ 12 ގަޑީއިރުވެސް ނުވަނީހެވެ. ރިޔާސީ ނިޒާމް ތުރުކީއަށް ގެނައުމާބެހޭ ގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް ތާއީދު ހޯދުމުގެ ގޮތުން ތުރުކީގެ މަސްއޫލުވެރިން، ޔޫރަޕްގެ ގައުމުތަކުގައި ދިރިއުޅޭ ތުރުކީ ދަރިކޮޅުގެ މީހުންނާ ބައްދަލުކުރުމުގެ އެއްވުންތައް ބޭއްވުމުގެ މައްސަލަ މިހާރުވަނީ ތުރުކީ އާއި ޔޫރަޕާ ދެމެދު ބޮޑު މައްސަލައަކަށް ވެފައެވެ. މިފަދަ އެއްވުންތައް ބޭއްވުމަށް ތުރުކީ މަސްއޫލުވެރިން މަސައްކަތް ކުރައްވަނީ ތުރުކީ ނަސްލުގެ މީހުންގެ އަދަދު ގިނަ ގައުމުތަކުގައެވެ.

ޔޫރަޕްގެ ގައުމުތަކުން މިފަދަ އެއްވުންތައް ބޭއްވިޔަ ނުދިނުމަށް މަސައްކަތް ކުރަނީ މިފަދަ އެއްވުންތަކުގެ ސަބަބުން ޓެރަރިޒަމަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގުމުގެ ފުރްސަތު ބޮޑުކަމުން ކަމަށް އެ ގައުމުތަކުން ބުނެއެވެ. ނަމަވެސް ތުރުކީގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވަނީ މިއީ ޑިމޮކްރަސީގެ ނަމުގައި އަޑުފަތުރަމުންގެންދާ ޔޫރަޕްގެ ގައުމުތަކުން ޑިމޮކްރަސީއަށް ހުރަސްއެޅުން ކަމުގައެވެ. ސުލްޙަވެރި އެއްވުންތަކަށް ހުރަސްއެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމާއި މިފަދަ އެއްވުންތައް ހުއްޓުވައި ކޭންޕޭނަށް ހުރަސްއަޅައި ތުރުކީގެ މަސްއޫލުވެރިން އެގައުމުތަކަށް ވަނުން މަނާކުރުންފަދަ ކަންކަމަކީ ޑިމޮކްރަސީގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން ގެންގުޅެނީ މުނާފިގު ގޮތްތަކެއްކަން ހާމަވާ ކަމެއްކަމަށް ތުރުކީގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

މީގެއިތުރުން ތުރުކީގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރަނީ ރައީސް އުރުދުޣާންގެ ވެރިކަމުގެ ބާރުތައް ވަރުގަދަކޮށް ދިގުމުއްދަތަކަށް ވެރިކަމުގައި ހުންނެވުމުގެ ބޭނުމުގައި ކަމަށް ޔޫރަޕްގެ ގައުމުތަކުން ދެކޭ ދެކުމަކީވެސް މިފަދަ ބައްދަލުވުންތަކަށް ޔޫރަޕްގެ ގައުމުތަކުން ހުރަސްއަޅާ މައިގަނޑު ސަބަބެކެވެ.

ތުރުކީގެ ވެރިކަން ބަދަލުކޮށްލުމަށްޓަކައި މިދިޔަ އަހަރު ގެންނަން މަސައްކަތްކުރި އަސްކަރީ އިންގިލާބާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން ޑިމޮކްރަސީގެ ނަމުގައި އަޑުއުފުލާފައެއް ނުވެއެވެ. ނަމަވެސް މިއިންގިލާބު ނާކާމިޔާބުވުމާ ގުޅިގެން ތުރުކީ ސަރުކާރުން އެޅި ފިޔަވަޅުތަކާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުންވަނީ އަޑުއުފުލާފައެވެ. މިމައްސަލައާ އަދި ތުރުކީ މަގުން ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންދާ މައްސަލައާ އަދި ތުރުކީގެ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ތުރުކީ ސަރުކާރުން އަރައިގަންނަމުންދާ މައްސަލައާ ގުޅިގެން ތުރުކީއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދުގައިވާ ގުޅުންތައް މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. (ނޫސްއެޖެންސީތައް)