އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މިލްވޯލްގެ މައްޗަށް ކުރި ހޯދައި، ޓޮޓެންހަމް ހޮޓްސްޕާ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މިލްވޯލްގެ މައްޗަށް އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ޓޮޓެންހަމް ކުރިހޯދީ ފަސޭހަކަމާއެކު 6-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާގައި ޓޮޓެންހަމްއާއި މިލްވޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 6-0 ލަނޑުން --- ފޮޓޯ/ އޭޕީ

މުޅި މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޓޮޓެންހަމްއިން އެޓީމުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ މެޗުގެ 31 ވަނަ މިނެޓުގައެވެ. ޑެލޭ އަލީ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ހަތަރު މިނެޓަށް ވެފައިވަނިކޮށް، ޓޮޓެންހަމްއިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެރިކް ޑަޔާ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެކުނު ކޮރެއާ ފޯވަޑް ހިޔުންގް މިން ސޮންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓްފަހުން ކިއެރެން ޓްރިޕިއާ ދިން ބޯޅައަކުން ޓޮޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސޮންއެވެ. އެ ލަނޑަށްފަހު ސޮންއަށް ހެޓްރިކް ފުރިހަމަކުރުމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާގައި ޓޮޓެންހަމްއާއި މިލްވޯލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 6-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 72 ވަނަ މިނެޓުގައި އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު، އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑެލޭ އަލީ ކާމިޔާބުކޮށްދިންއިރު، މެޗުގެ 79 ވަނަ މިނެޓުގައި ސޮން ދިން ބޯޅައަކުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިންސެންޓް ޖެންސަންއެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޓޮޓެންހަމްގެ ފަހު ލަނޑު ކާމިޔާބުކޮށް، ސޮން ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެރިކްސަން ދިން ބޯޅައަކުންނެވެ.

އެފްއޭ ކަޕްގެ ހަތަރު ކުއާޓާ ފައިނަލް މެޗުގެ ތެރެއިން މިހާރު ވަނީ ތިން މެޗު ކުޅެފައެވެ. އެ މެޗުތަކުން މޮޅުވެ، ޓޮޓެންހަމްގެ އިތުރުން ސެމީން ޖާގަ ހޯދާފައިވަނީ މެންޗެސްޓާ ސިޓީއާއި އާސެނަލްއެވެ. ސެމީގެ ފަހު ޖާގަ ކަށަވަރުވާނީ މާދަމާރޭ ރާއްޖޭގަޑިން 12:45ގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާ މެޗަށްފަހުއެވެ.