އެތުލެޓިކްސްގެ 10 ކިލޯމީޓަރު ދުވުމުން ޒައިދު ޝަރީފް ހެދި ގައުމީ ރެކޯޑަށް ދެމަސް ނުވަނީސް އޭނާގެ ރެކޯޑު ހުސައިން ފަޒީލް ހާރޫން މުގުރާލައިފިއެވެ.

ޒައިދުގެ ރެކޯޑު ފަޒީލް މުގުރާލާފައިވަނީ މިއަދު މޮރޮކޯގެ އުޖްޑާ އިންޓަނޭޝަނަލްގައި ދުވެ، 33 މިނެޓާއި 47 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. އެއީ ޒައިދުގެ ރެކޯޑަށްވުރެ 53 ސިކުންތު އަވަސް ވަގުތެކެވެ.

ކުރިން އެ ރެކޯޑު އޮންނަ ޒައިދު، ރެކޯޑު ހަދާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ދުބާއީ މެރަތަންގައި ދުވެ 34 މިނެޓާއި 40 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭރު ޒައިދު މުގުރާލާފައިވަނީ 1999 ވަނަ އަހަރު ބޭއްވި މާލޭ މެރަތަންގައި ނަސީރު އިސްމާއިލް ހެދި ރެކޯޑެވެ. ނަސީރު އެ ދުވުން ފުރިހަމަކޮށްފައިވަނީ 35 މިނެޓާއި ފަސް ސިކުންތުންނެވެ.

މިހާރު 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް އޮންނަ ފަޒީލް ވަނީ މީގެ ހަތަރު މަސް ކުރިން ވަނީ ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑު ވެސް މުގުރާލައިފައެވެ. ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހަދާފައިވާ ރެކޯޑު މިދިޔަ އަހަރުގެ ދިރާގު ރޯޑް ރޭހުގައި ދުވެ، ފަޒީލް މުގުރާލީ 16 މިނެޓް 31 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.