މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަރިދަފުސް ރޯގާ އަދި ވައިރަލް ހުމާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންގެ ކައިރިއަށް 12 އަހަރުގެ ކުޑަކުދިން ނުގެންދެވޭނެ ގޮތް ހަދައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަހުމަދު މައުސޫމް "ސަން"އަށް މިރޭ ވިދާޅުވީ، މިއަދުން ފެށިގެން ހޮސްޕިޓަލަށް ޒިޔާރަތް ކުރާ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަލި މީހުންނާ ބައްދަލުކުރުން މަނާކޮށް، ހުސްޕިޓަލުގައި ހަދާފައިވާ ކުޑަކުދިން ކުޅޭ ތަންތަން ވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.

އެ ނިންމުމަކީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން އައިޖީއެމްއެޗަށް ގެންދިއުން މަނާކޮށްފައިވާއިރު، ބަލި މީހުންނަށް ޒިޔާރަތްކުރާ ވަގުތު ވެސް އައިޖީއެމްއެޗުން ވަނީ ކުޑަކޮށްފައެވެ.

އައިޖީއެމްއެޗުގައި ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ ވަގުތަކީ ހަވީރު 5:00 އިން 8:00 އަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު ބަލިމީހުންގެ ކައިރިއަށް ޒިޔާތް ކުރެވޭނީ ހަވީރު 5:00 އިން އިރުއޮއްސި 7:00 އަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަހުމަދު މައުސޫމް މިރޭ ވިދާޅުވީ، އެ ބަދަލު ގެންނަން ނިންމީ މިހާރު ފެތުރެމުންދާ ހުމާއި ރޯގާއަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށްވާތީ، ބަލި މީހުންނަށް ޒިޔާރަތްކުރަން ހޮސްޕިޓަލަށް އައިސްއުޅޭ ވަގުތު ކުޑަކޮށް ބަލިމީހުންނާ ބައްދަލުކުރެވޭ ވަގުތު މަދު ކުރުމަށް ކަމަށެވެ.

މައުސޫމް ވިދާޅުވީ، ވައިރަލް ހުމާއި ރޯގާ ކޮންޓްރޯލް ކުރެވިއްޖެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗުން ބެލުމަށްފަހު ކުރިން އޮތް ގޮތަށް ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހެއްގެ ތެރޭގައި ކަން ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުވި ކަމާއެކު ފެތުރެމުންދާތީ، މާލޭގައި ޑޮކްޓަރަށް ދެއްކުން ފަހިކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗް ގައި "ފުލޫ ކްލިނިކު"ގެ ނަމުގައި ވަނީ ކުލިނިކެއް ހުޅުވާފައެވެ.

އެ ކުލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ބަލި މީހުން ބަލަމުންގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ފެތުރެމުންދާ ރޯގާގައި ބައެއް ފަހަރު ބަލިމީހާގެ ހާލުދެރަވާތީވެ، އަރިދަފުސް ރޯގާ ޖެހި މަދުވެގެން ދެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އެ އޭޖެންސީން އިލްތިމާސްކުރެއެވެ.

އަލާމާތްތައް:

  • ހުން އައުން

  • ކަރުގައި ރިހުން
  • ބޮލުގައި ރިހުން
  • ގައިގައި ރިހުން
  • ހީކަރުވާފައި ވަރުދެރަވުން
  • ބޭރަށް ހިންގުން، ހޮޑުލުން

މަތީގައިވާ އަލާމާތްތަކުގެ އިތުރުން ކުޑަކުދިންގެ ކިބައިން ފެނިގެންދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި ކެއުން ބުއިން މަދުވުން، މާގިނައިން ނިދުން، އާދަޔާ ހިލާފަށް ރުއިން ފަދަ އަލާމާތްތައް ހިމެނެއެވެ.

އަރިދަފުސް ރޯގާ އާއި ވައިރަލް ހުމަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށްވުމާއެކު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ސަލާމުކަން ދޭންޖެހޭ ކަންތައްތައް:

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން

  • އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ:

    • ގިނައިން ދިޔާތަކެތި ބޭނުންކުރުން

    • އަރާމުކުރުން
    • ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
    • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
    • ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
    • ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން