12 Mar 2017, 16:04
ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިކަމުގައިވާ، ނޯވާޓިސްގެ ޑިވިޝަނެއް ކަމަށްވާ ސަންޑޯޒް އިން ބޭއްވި ހެލްތް ކެއާ އެކްސެސް ޗެލެންޖުގައި މިއަހަރު ދިވެހި ޒުވާނަކު ހުށަހެޅި ޕްރޮޕޯސަލްގައި ބަޔާން ކުރާ ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް 20،000 ޔޫރޯ ދީފިއެވެ.
އެ ޗެލެންޖުގައި ރާއްޖޭގެ ފަރާތުން ޕްރޮޕޯސަލެއް ހުށަހެޅީ ދިވެހި ޒުވާނެއް ކަމަށްވާ މުހައްމަދު ޝުރައިހު އެވެ. އޭނާ އަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ސޮފްޓްވެއާ ޑިވެލޮޕާއެއްގެ މަގާމު ފުރަމުންދާ ކުޅަދާނަ ސޮފްޓްވެއާ ޑިވެލޮޕަރެކެވެ.
ހެލްތް ކެއާ އެކްސެސް ޗެލެންޖު 2017 އަކީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ހުޅުވާލީ މޯބައިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެ ޒަމާނީ ޚިދުމަތަކަށް މީހުން ގުޅާލެވޭ ސޮފްޓްވެއާއެއް އުފެއްދުމަށެވެ.
އެކަމަށް ހުޅުވާލުމުން ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމުތަކުން 150 އެއްހާ ޕްރޮޕޯސަލް ހުށަހެޅި އެވެ. އޭގެ ތެރެއިން ހޮވާލެވުނު ހަ ޕްރޮޕޯސަލެއްގެ ވެރިފަރާތްތައް ލަންޑަނަށް ގެންގޮސް ނޮވާޓިސް އިން ވަނީ އެމީހުންގެ އައިޑިއާސްތައް "ވަޔާޑް 2017"ގެ ޖަޖުންނަށް ހުށަހެޅުމުގެ ފުރުސަތު ދީފައެވެ.
އެއަށްފަހު ޖަޖުން ހޮވާލާ ތިން ޕްރޮޕޯސަލެއްގައި ބަޔާން ކުރާ ޕްރޮޖެކްޓު ހިންގުމަށް އެ ކުންފުނީގެ ފަރާތުން ވަނީ 20،000 ޔުރޯ ދީފައެވެ.

ޝުރައިހުއާ އެކު އޭނާގެ ރަހުމަތްތެރިޔާ ޔާމީން: އެ ދެ މީހުންނަކީވެސް ސޮފްޓްވެއާ ޑިވެލޮޕަރުން --
ޝުރައިހު ހުށަހެޅީ ލޭ ހަދިޔާ ކުރުމާ ގުޅޭ ބިޔަ ޕްލެޓްފޯމެއް ހެދުމާ ބެހޭ ޕްރޮޕޯސަލެކެވެ. ޝުރައިހު "ސަން" އަށް ކިޔައިދިން ގޮތުގައި އެ ޕްލެޓްފޯމުގައި ލޭ ހަދިޔާ ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކަށް ގެންނާނެ އެވެ. އަދި ފަރާތްތަކާއި ލޭ ބޭނުންވާ މީހުންނާ ގުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ލޭ ހޯދަން ވަރަށް ދަތިވޭ ބައެއް ފަހަރު. އަޅުގަނޑު ޕްރޮޕޯސް ކުރީ އެކަމަށް ލުއި ގޮތެއް ހަމަޖައްސައިދީ، ލޭ ހޯދުމަށް ކުރަން ޖެހޭ އާދޭސް ނިމުމަކަށް ގެނައުމުގެ ޕްލެޓްފޯމެއް ހަދަން. އެޕްލިކޭޝަނަކަށްވުރެ ބޮޑަށް މިއީ ބޮޑު ޕްލެޓްފޯމަކަށް ވާނެ،" ޝުރައިހު ބުންޏެވެ.
ޝުރައިހުގެ ޕްރޮޕޯސަލާ އެކު އެ މުބާރާތުން ދެން ހޮވުނީ ޣާނާ އާއި ފިލިޕީންސް އިން ހުށަހެޅި ޕްރޮޕޯސަލް އެވެ.
ޝުރައިހު ކިޔައިދިން ގޮތުގައި އޭނާގެ ޕްރޮޕޯސަލްގައި ބަޔާން ކުރާ ޕްލެޓްފޯމް ފަރުމާ ކުރާނީ ސަރުކާރާ ގުޅިގެން އިންފްރާސްޓްރަކްޗަރަލް ގްރޯތް އަންނާނެ ގޮތަށެވެ. އަދި އެ ޕްލެޓްފޯމު ބޭނުން ކުރާ ފަރާތްތަކަށް ލޭ ހަދިޔާ ކުރާ ކޮންމެ ފަހަރަކަށް ޕޮއިންޓް ލިބޭނެ ކަމަށާއި ގިނައިން ޕޮއިންޓް ލިބޭ ވަރަކަށް އެޗީވްމަންޓްސްވެސް ލިބޭނެ ކަމަށެވެ.
މިއީ މިފަދަ މުބާރާތަކުން ރާއްޖޭގެ އައިޑިއާއެއް ހޮވި، އެކަން ތަންފީޒު ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މި ކަން ކުރުމަށް ޝުރައިހުއާ އެކު މަސައްކަތް ކުރީ އޭނާގެ އެކުވެރިޔާ އަދި، މަސައްކަތުގެ ދާއިރާގައިވެސް އޭނާ އާ އެކު ހަރަކާތްތެރިވާ ޔާމިން ރަޝީދު އެވެ. ޔާމިން އަކީވެސް ސޮފްޓްވެއާ ޑިވެލޮޕަރެކެވެ.