މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އިންޖީނު ގެއެއް އެޅުމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް ސްޓެލްކޯއަށް ދީފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރު އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ބިން ސްޓެލްކޯއާ ހަވާލު ކުރީ ހިލޭ، އެއްވެސް އަގަކާ ނުލައި ކަމަށެވެ. އަދި އެތަނުގައި އަޅާ އިންޖީނުގެއިން ކަރަންޓު ދިނުމަށް ހަމަޖައްސާފައިވަނީ ވަކި ގްރިޑެއްގެ ދަށުން އެސަރަހައްދުގައި ގާއިމް ކުރާ ވެއާ ހައުސްތަކާއި އިމާރާތްތަކަށް ކަމަށާއި، އެމެޖެންސީގެ ހާލަތުގައި އެ އިންޖީނުގެއިން މާލެއަށް ބެކަޕް ކަރަންޓު ދިނުމަށްވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ވެއާހައުސް އެކި ކަހަލަ މަސައްކަތްތައް ހިނގާ ތަނަކަށްވެފަ ވަކިން ހިންގަން ޖެހޭ ތަނަކަށް ވާތީވެ އެގޮތަށް ކަނޑައެޅުމަށްޓަކައި އަދި އޭގެ އިތުރަށް މާލޭގެ ބެކަޕް ޕަވާ ވެސް ދިނުމަށްޓަކައި. މާލެއިން ކަރަންޓު ދާ ދަނޑިވަޅުތަކުގަ ބެކަޕް ދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހޫނު މޫސުމުގައި މުޅި މާލެއަށް ކަރަންޓު ދިނުމަށް 55 މެގަވޯޓުގެ ކަރަންޓު ބޭނުންވާ އިރު އެ ސަރަހައްދުގައި ގާއިމް ކުރަނީ 10 މެގަވޯޓުގެ އިންޖީނުގެއެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކުރޫ ވިދާޅުވީ، މާލެއިން ކަރަންޓު ކަނޑައިގެންދާ ދަނޑިވަޅެއްގައި އެ އިންޖީނުގެއިން މާލޭގެ ވަކި ހިސާބަކަށް ކަރަންޓު ދެވޭނެ ކަމަށެވެ. ނަމަވެސް މުޅި މާލެއަށް ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުކުރޫ ވިދާޅުވީ، ދޮޅު އަހަރު ދުވަސްތެރޭ އެ އިންޖީނުގޭގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ ސަރަހައްދުގައި ވެއާ ހައުސްތައް ގާއިމް ކުރެވި، ތަން ރަނިން ކޮންޑިޝަނަށް އައުމުގެ ކުރިން އެސަރަހައްދުގައި އިންޖީނުގެއެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން އެތަނަށް ކަރަންޓުދޭ ވަކި އިންޖީނުގެއެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށާއި ސަރުކާރުން ސްޓެލްކޯއަށް ބިމެއް ދޭން ނިންމީ އެ މަގްސަދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.