02 Jul 2011, 10:09
ސަރުކާރުގައި ޚިދުމަތްކުރުމުން އަޅުގަނޑަށް ލިބުނު ޕެންޝަން ގެއްލުނުގޮތުގެ ވާހަކަ މީގެ ދުވަސްކޮޅެއްކުރިން، މި މަޖައްލާގައި އަޅުގަނޑު ލިޔުނީމެވެ. އެލިޔުމުގައި އަޅުގަނޑު ދަންނަވާފައިވާނެ ފަދައިން، އެ ލިޔުން އަޅުގަނޑު ލިޔުނީ ކިޔުންތެރިންގެ ފަރާތުން ހަމްދަރުދީ ހޯދާކަށެއް ނޫނެވެ. އަދި އެލިއުމުގެ ސަބަބުން ސަރުކާރުގެ ކަމާއި ބެހޭފަރާތުން ފައިދާއެއް ލިބިދާނެކަމަށް ބަލައިގެނެއްވެސް ނޫނެވެ. އަޅުގަނޑަކީ ލިޔުންތެރިކަމަށް ވަރަށް ޝަޢުޤުވެރިވާ މީހަކަށްވުމާއި އެކު، އަޅުގަނޑަށް ކުރިމަތިވި އެ މައްސަލާގައި، އިންސާނިއްޔަތާއި ގުޅޭ ވާހަކައެއް އޮތްކަމަށް އަޅުގަނޑަށް ފެނިގެންނެވެ. އިނގިރޭސި ބަހުން ޢާއްމުގޮތެއްގައި ކިޔާ "ހިޔުމަނިޓޭރިއަން ސްޓޯރީ" އެކެވެ. މިވައްތަރުގެ ވާހަކަތައް އަޅުގަނޑުވަނީ " ރީޑަރސް ޑަޔަޖެސްޓް" މަޖައްލާ އިން ވަރަށް ގިނައިން ކިޔާފައެވެ. އަޅުގަނޑު ލިޔުނު ޕެންޝަނާއި ބެހޭ ވާހަކައަށްވުރެ މާ އާދައިގެ، އެހެނަސް އިންސާނާގެ ހިތާއި ކުޅެލާފަދަ ވާހަކަތައް އަޅުގަނޑު ވަނީ އެ މަޖައްލާއިން ކިޔާފައެވެ. އިނގިރޭސި ބަހުން ރަގަޅަށް، ރީތިކޮށް، އަޅުގަނޑުގެ ޕެންޝަނާއި ބެހޭ ވާހަކަ ލިޔެވިއްޖެނަމަ އެފަދަ މަޖައްލާއެއްގައި ޝާއިޢުކުރުމުގެ ފުރުޞަތު ލިބުމަކީވެސް ކައިރިކަމެކެވެ.
އާމްދަނީ ހޯދުމުގެ ގޮތުން އަލުން ބޭރުގެ ނޫސްތަކަށް ލިޔުމުގެ ފުރުޞަތު އޮވެދާނެތޯ ބެލުމުގެ މަސައްކަތް އަދި އަޅުގަނޑު ނުފަށަމެވެ. އަޅުގަނޑުގެ އަތުގައި އަޅުގަނޑު ކުރަންބޭނުންވާ ބައިވަރު ނުނިމިހުރި މަސައްކަތްތަކެއް ހުރީމައެވެ. އެއީ ބޮޑު އާމްދަނީއެއް ލިބިދާނެ މަސައްކަތްތަކެއް ކަމަށް ނުވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑަށް އިންތިހާދަރަޖައިގެ އުފާވެރިކަން ގެނެސްދޭނޭ މަސައްކަތްތަކެކެވެ.
އަޅުގަނޑުގެ ޕެންޝަނަށް ލިބެންވާ ފައިސާ ނުލިބޭނެގޮތަށް ހަމަޖެހުނު ވާހަކަ، އަޅުގަނޑު ލިޔުނު މަޒްމޫނު، މި މަޖައްލާގައި ޝާއިޢު ކުރެވުނު އިރު މިމަޖައްލާގެ އޮން ލައިން އެޑިޝަނުގައި އެ މަޒްމޫނު ޝާއިޢު ކުރެވުނުކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. އޭރު އޮން ލައިން އެޑިޝަން އަޅުގަނޑު ބަލާވެސް ނުހަދަމެވެ. އަޅުގަނޑަށް މިކަން އެނގުނީ އަޅުގަނޑުގެ "ސިޔާސީ" ރައްޓެއްސަކު އަޅުގަނޑުގެ ޕެންޝަނާއި ބެހޭގޮތުން ކިހިނެއްވެގެން އުޅެނީތޯ ސުވާލު ކުރުމުންނެވެ. އެކަން އޭނާއަށް އެނގުނީ ކިހިނެއްތޯ ސުވާލުުކުރުމުން އޮން ލައިން އެޑިޝަނުގައި ޝާއިޢު ކުރެވުނު މަޒްމޫނުން ކަމަށް ބުނުމުންނެވެ.
އަދަބީގޮތުން ލިޔުނު ލިޔުމެއްކަމަށް އަޅުގަނޑު ހީކުރި މަޒްމޫނާއި ބެހޭގޮތުން ކިޔުންތެރިން ފާޅުކޮށްފައި ހުރި ޚިޔާލުތައް ކިޔާފައި އަޅުގަނޑު ހައިރާންވިއެވެ. ހުރިހާ ކިޔުންތެރިންހެން ހުރީ އަޅުގަނޑަށް ޒާތީގޮތުން އެއްޗެތި ގޮވާފައެވެ. ރާއްޖޭގައި މިގޮތަށް ލިޔާ ލިޔުމަށްވެސް ކޮމެންޓް ދެނީ ލިޔުމުގެ އޮއްޓަރަކަށެއް ނޫނެވެ. ނުވަތަ ލިޔުމުގެ ތާރީޚަށް ނުވަތަ ހިނގާ ދިޔަ ކަންތަކުގެ މައްޗަށް ބަލާފައެއް ނޫނެވެ. މީހާ އަށެވެ. ނޫސްތަކާއި މަޖައްލާތަކުގެ އެޑިޓަރުންވެސް ޚިޔާލު ފާޅުކުރުމަށް "މިނިވަންކަން" ދިނުމުގެ ނިޔަތުގައި ޚިޔާލު ފޮނުވާ މީހާ ފޮނުވާ ކޮންމެ ޚިޔާލެއް ޝާއިޢުކުރައްވައެވެ. އަނެކާގެ މިނިވަންކަމާއި، ޙައްޤާއި، ޙަޤީޤަތަށް ކުޑަކޮށްވެސް ބެއްލެވުމެއް ނެތިއެވެ. ޤަދަރު އުފުލިގެންވާ ނޫސް މަޖައްލާ ކަމަށް ބެލެވޭ ނޫސް މަޖައްލާތަކުގައިވެސް ކަން އޮތީ މިގޮތަށެވެ. އަޅުގަނޑުގެ ލިޔުމަށް ޚިޔާލު ފޮނުވި ބަޔެއް މީހުން އަޅުގަނޑަށް ބަދު ދުޢާވެސް ކޮށްފައި އޮތެވެ. އަދި އެމީހަކު ފޭއްސި އިލޮށި ގަނޑެއް އެމީހެއްގެ ލޮލަށް ހެރުނީ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަކު ބުނިގޮތުގައި ޕެންޝަނާއި ބެހޭ ޤާނޫނު ފާސްކޮށްފައި ވަނީ އަޅުގަނޑު މަޖިލީހުގެ ރައީސްކަމުގައި ހުއްޓައެވެ. އެއީ ތެދެކެވެ. އެކަމަކު މަޖިލީހުގެ ޤަވައިދުތައް ހަމަޖެހިފައި އޮންނަނީ މަޖިލީހަށް ހުށައެޅޭ ބިލްތަކާއި މައްސަލަތަކުގައި، މަޖިލީހުގެ ރައީސް ބައިވެރިވެވޭ ގޮތަކަށެއް ނޫނެވެ. މަޖިލީހުގެ ރައީސްގެ ވާޖިބަކީ، މަޖިލީހަށް ހުށައެޅޭ ބިލްތަކާއި މައްސަލަތައް، މަޖިލީހުގެ ޤަވައިދާ އެއްގޮތަށް، ވަކިފަރާތަކަށް ނުޖެހި ކުރިޔަށް ގެންދިއުމެވެ. އެނޫންގޮތަކަށް މަސައްކަތް ކުރެވިއްޖެނަމަ މަޖްލީސް ކަންޓްރޯލްކުރަަން އުނދަގޫވާނެއެވެ.
މި މަޖައްލާ އަށް އަޅުގަނޑު މަޒްމޫނު ލިޔުނުއިރުވެސް، އަޅުގަނޑުގެ މަޙްރޫމްކުރެވިފައިވާ ޕެންޝަންގެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އަޅުގަނޑު ވަނީ ފަށާފައެވެ. ކަމާއި ބެހޭ ފަރާތްތަކުން ބައްލަވާ ބެއްލެވުންތަކެއް ބެއްލެވުމަށް ފަހު، ނިންމަވަންޖެހޭ ނިންމެވުންތަކެއް ނިންމެވުމަށްފަހު އަޅުގަނޑުގެ ޕެންޝަނުގެ ފައިސާ އަނބުރާ ލިބޭނޭގޮތަށް ހަމަޖެއްސެވިއެވެ. އެއީ ޤާނޫނީގޮތުން ކުރަންޖެހޭކަމެއްކަމަށް ދެކެވަޑައިގެންނެވެ. ޕެންޝަނުގެ ފައިސާ ދެއްވުން ހުއްޓަވާލެއްވުމަށްފަހު، މިމަހު، ފާއިތުވި ދެމަސްދުވަހުގެ ޕެންޝަނުގެ ފައިސާ، އަލުން، ފުރަތަމަފަހަރަށް، އަޅުގަނޑަށްވަނީ ދެއްވާފައެވެ. މިކަމުގެ އިތުރު ތަފްސީލު އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. ހެޔޮކަމެއް ކޮށްދިން ބަޔަކަށް ތެޔޮހަމެއް ދޭން ބޭނުންނުވާތީވެއެވެ. އަޅުގަނޑާއި އެކު މިގޮތަށް ޕެންޝަނުން މަޙްރޫމް ވެފައިތިބި އެތައްބަޔަކަށް، ނުވަތަ އެތައް ސަތޭކަ ބަޔަކަށް އެމީހުންގެ މަޙްރޫމްކުރެވިފައިވާ ޕެންޝަން ލިބޭގޮތްވީއެވެ. ތިމާގެ ޙައްޤަކީ ކޮބައިކަން ނޭންގޭނަމަ އެޙައްޤުން މަޙްރޫމްކުރެވުނަސް ނޭންގޭނެއެވެ. އަދި އެޙައްޤު ހޯދާކަށެއްވެސް ނޭގޭނެއެވެ.
ކުޑަ އިރުއްސުރެ އަޅުގަނޑު މިއުޅެނީ ސިޔާސީ މައިދާނުގައެވެ. އަޅުގަނޑުގެ ޙަޔާތަކީވެސް ފިނިފެންމަލުގެ ދާނެއްް ނޫނެވެ. މާލީ ދަތިކަމެއް ތަޙައްމަލު ކުރަންނުޖެހުނަސް އެހެން ހުރިހާ ދަތިތަކަކާއި އަޅުގަނޑަށްވެސް ކުރިމަތިލާންޖެހުނެވެ. އަޅުގަނޑުގެ ހަން ވަރަށް ބޮލެވެ. އެހެންނަމަވެސް އަޅުގަނޑުގެ ގައިގައިވެސް ވިކައިގަތީމާ ތަދުވެއެވެ. ގަޔަށް އެއްޗެއް ހަރާލައިފިނަމަ ލޭއޮހެރޭނެއެވެ. ﷲ ގެ ޙަޒްރަތުގައި ވެސް މީހުންގެ މައްޗަށް ކުރެވޭ ބަދު ދުޢާ ޤަބޫލެއް ނުކުރައްވާނެއެވެ.
މިފަހަރު ފަހު ހިނިގަނޑުގެ ފުރުޞަތު ލިބުނީ އަޅުގަނޑަށެވެ.