ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލް މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިމަހު 27 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ބުދަ ދުވަހު އެވެ. އެހެންކަމުން ރަސްމީ ތިންދުވަހުގެ ތެރޭގައި މަޖިލީހުގެ މެމްބަރުންނަށް ނޯޓިސް ފޮނުވަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ވަނީ ބުނެފައެވެ.

މަޖިލީހުގެ އަމީންއާންމު ވަނީ ހުރިހާ މެމްބަރުންނަަށާއި މަޖިލީހުގެ ރައީސައްވެސް މިއަދު ނޯޓިސް ފޮނުވައިފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކޮށްގެން ބާއްވާ ޖަލްސާއެއްގެ ރިޔާސަތުގައި ރައީސަކަށް ނީދެވޭނެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ޖަވާބު ދާރީވުމުގެ ފުރުސަތު ރައީސައް ލިބޭނެ އެވެ.

އެމައްސަލަ މަޖިލީހަށް ވެއްދީ 25 މެމްބަރުންގެ ސޮޔާއެކު އެވެ. އޭގެތެރޭގައި އެމްޑީޕީ ޖޭޕީ އަދި ރައީސް މައުމޫނަށް ވަފާތެރި، މަޖިލިސް މެމްބަރުންވެސް ހިމެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރަން ބޭނުންވާ މިންވަރަށް ވޯޓު ހަމަވެފައިވާ ކަމަށް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ރޭ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން އެންމެ މަދުވެސްގެންވެސް 42 ވޯޓު ބޭނުންވާނެ އެވެ. ފާރިސް ވިދާޅުވީ، ޖުމްލަ 85 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 42 މެމްބަރުން ތިއްބެވީ މަސީހު ދުރުކުރަން ވޯޓުދޭން ތައްޔާރަށް ކަމަށެވެ.

ފާރިސް ގަބޫލުކުރައްވާ ގޮތުގައި މަސީހު ދުރުކުރުވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މިހާރު ކުރަން އެންމެ މުހިންމު ކަންތަކެވެ.

ފާރިސްގެ ވާހަކަތަކާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ " ފާސްކުރަން 42 މެމްބަރުން ޔަގީން ކަމަށް އެބުނަނީ ހުވަފެނުން ފެނިގެން" ކަމަށެވެ.

" ވަރަށް މަސައްކަތް ކޮށްގެންވެސް އެބޭފުޅުންނަށް ލިބޭނީ 25 ވޯޓު އެންމެ ގިނަ ވެގެން. ބޮޑު ތަފާތަކުން އެ ނޯ ކޮންފިޑެންސް އަޅުގަނޑުމެން ފެއިލް ކޮށްލާނަން،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމް އަދި އެމްޑީއޭގެ ހުރިހާ މެމްބަރުން ތިބީ ވަރަށް ސާބިތުކަމާއެކު މަޖިލީހުގެ ރައީސް މަސީހު އާ އެއްކޮށް ކަމަށާއި އަދި އެމްޑީޕީގެވެސް ހުރިހާ މެމްބަރުން އެބޭފުޅުންނަށް ވޯޓު ނުދޭނެކަމަށް ހަލީލް ވިދާޅުވި އެވެ.