ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކިކުރަން ބޭނުންވާ މިންވަރަށް ވޯޓު ހަމަވެފައިވާ ކަމަށް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 25 މެމްބަރުންގެ ސޮޔާ އެކު އެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުންް ފާރިސް ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ވާނެ ކަމުގެ " ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް" ކަމަށެވެ. ޖުމްލަ 85 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 42 މެމްބަރުން ތިއްބެވީ މަސީހު ދުރުކުރަން ވޯޓުދޭން ތައްޔާރަށް ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ގަބޫލުކުރައްވާ ގޮތުގައި މަސީހު ދުރުކުރުވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މިހާރު ކުރަން އެންމެ މުހިންމު ކަންތަކެވެ.

ފާރިސްގެ ވާހަކަތަކާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ " ފާސްކުރަން 42 މެމްބަރުން ޔަގީން ކަމަށް އެބުނަނީ ހުވަފެނުން ފެނިގެން" ކަމަށެވެ.

" ވަރަށް މަސައްކަތް ކޮށްގެންވެސް އެބޭފުޅުންނަށް ލިބޭނީ 25 ވޯޓު އެންމެ ގިނަ ވެގެން. ބޮޑު ތަފާތަކުން އެ ނޯ ކޮންފިޑެންސް އަޅުގަނޑުމެން ފެއިލް ކޮށްލާނަން،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމް އަދި އެމްޑީއޭގެ ހުރިހާ މެމްބަރުން ތިބީ ވަރަށް ސާބިތުކަމާއެކު މަޖިލީހުގެ ރައީސް މަސީހު އާ އެއްކޮށް ކަމަށާއި އަދި އެމްޑީޕީގެވެސް ހުރިހާ މެމްބަރުން އެބޭފުޅުންނަށް ވޯޓު ނުދޭނެކަމަށް ހަލީލް ވިދާޅުވި އެވެ.

އިދިކޮޅަށް އެ މަސައްކަތް ކުރާ ފަރާތްތަކުގެ ބޭނުމަކީ ރާއްޖެއަށް ގެންނަ ތަރައްގީއަށް ހުރަސްއެޅުން ކަމަށް ހަލީލް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ބުދަ ދުވަހު އެވެ. އެހެންކަމުން އެންމެ ލަސްވެގެން މާދަމާ މަޖިލިސް މެމްބަރުންނަށާއި މަސީހުއަށް ނޯޓިސް ފޮނުވަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އަދި ރަސްމީ ދުވަސްތަކުން ގުނައިގެން 10 ދުވަހުގެ ތެރޭގައި އެމަައްސަލަ އެޖެންޑާކޮށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.