12 Mar 2017, 14:07
ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރު ފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ ހޮނިހިރުދުވަހުކަން 'ސަން' އަށް އެނގިއްޖެ އެވެ.
އޭޝިއާގެ ފަސް ގައުމަކަށް ސަލްމާން ރަސްގެފާނު ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެ އެވެ. އަދި ރާއްޖެއަށް ވެދެވެން ހުރި އެހީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވެ އެވެ.
ސަލްމާން ރަސްގެފާނަށް ރާއްޖޭން ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް، ޖުމްހޫރީ މައިދާން ދަނީ ތައްޔާރުކުރަމުންނެވެ. ނަމަވެސް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެއް ނޭނގެއެވެ.
އަދި ސަލްމާން ރަސްގެފާނުގެ ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއްވެސް ނުވެ އެވެ.
އެނގިފައިވާގޮތުން ރާއްޖޭގައި ސަލްމާން ރަސްގެފާނު މަޑުކުރައްވާނީ ފަސްދުވަހު އެވެ. އެއީ މާލެ ވަޑައިގެން އެއްދުވަހު މަޑުކުރެއްވުމަށް ފަހު ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖޭގެ ރިސޯޓެއްގައި މަޑުކޮއްލާ ފަސް ދުވަހާ އެއްކޮށެވެ.
އޭޝިއާގެ ގައުމުތަކަށް ރަސްގެފާނު ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ މެލޭޝިއާ އަށެވެ. އެއަށް ފަހު އިންޑޮނޭޝިއާއަށް ވަޑައިގެން އެގައުމުގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު މިއަދު ޖަޕާނަށް ވަޑައިގަންވާނެ އެވެ. އެއްފަހު ޗައިނާއަށް ދެން ރާއްޖެއަށެވެ.
މިހާތަނަށް ސަލްމާން ރަސްގެފާނު ވަޑައިގެން ކޮންމެ ގައުމަކުންވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.