12 Mar 2017, 13:07
މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕޮންސް އިން ނަގާ ޖީއެސްޓީ ކަނޑާލަދިނުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖޭސީއައިކާފުން މަޖިލީހުގެ މެމްބަރުން އަރިހުން އެދިއްޖެ އެވެ.
މައްސަރު ޓެކްސްގެ ނަމުގައި މީގެކުރިން ވެސް ވަނީ ޕެޑުން ނަގާ ޓެކްސް ކަނޑާލަން ބުނެ ބަޔަކު ކެމެޕޭން ކޮށްފަ އެވެ. އޭރު އެ ކެމްޕޭނާ އެއްކޮޅަށް މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ވަކާލާތު ކޮށްފަ އެވެ.
ޖޭސީއައި ކާފުން ބުނީ ޕެޑުން ނަގާ ޓެކްސް ކަނޑާލުމަށް އެދި މަޖިލީހުގެ މެމްބަރުންނާއި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެފަރާތްތަކުން އެކަމަށް ތާއީދު ކުރާ ކަމަށެވެ. އަދި އިސްލާހު މަޖިލީހަށް ހުށަހަޅާނީ ސަރުކާރުގެ ފަރާތުން ކަމަށާއި ނަމަވެސް އެ އިސްލާހަށް ޖޭޕީ އަދި އެމްޑީޕީގެ މެމްބަރުން ވެސް ތާއީދު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ޖޭސީ އައި ކާފުން ބުންޏެވެ.
ޕެޑަކީ އަސާސީ އެއްޗެއްގެ ގޮތުގައި ނުބަލާތީ ޕެޑުން މިހާރު ވެސް ހަ ޕަސެންޓް ޖީއެސްޓީއަށް ނަގަ އެވެ. ނަމަވެސް ބޮޑެތި މީހުންނާއި ކުޑަކުދިން ޖަހާ ނެޕީން ޖީއެސްޓީއެއް ނުނަގަ އެވެ.
ޕެޑުން ޓެކްސް ނެގުމާ ދެކޮޅަށް ހިންގި ކެމެޕޭނެއްގައި 500 އަށް ވުރެ ގިނަ މީހުން ވަނީ އެކަމަށް ތާއީދުކޮށް ޕެޓިޝަނެއްގައި ސޮއިކޮށްފަ އެވެ.