12 Mar 2017, 12:50
ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމަކަށް ހެދުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިސްނަގައިގެން ކުރިޔައްގެންދާ މަސައްކަތުގެ ދަށުން އެ ބައްޔާ ދެކޮޅަށް ދޭ އެމްއާރު ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ މި މަހުގެ 21ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މިިދިޔަ މަހު 26 ވަނަ ދުވަހު ފެށި އެ ޕްރޮގްރާމް ކުރިއަށް ގެންދަން ކުރިން ނިންމާފައި ވަނީ އިއްޔެގެ ނިޔަލަށެވެ.
ހިމަބިހި ނައްތާލާފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެެއްގައި، ނެޝަނަލް ވެރިފިކޭޝަން ކޮމެޓީގެ ޗެއާމަން ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަން ނިންމާފައިވާ އާބާދީގެ 62 ޕަސަންޓް މީހުންނަށް ވެކްސިން ޖަހާފައިވީ ނަމަވެސް ވެކްސިން ނުޖަހާ ބަޔަކު ވެސް އަދި ވެސް އެބަ ތިބި ކަމަށެވެ. އަދި އެމީހުންނަކީ އަމިއްލަ އަށް އައިސް ވެކްސިން ޖަހާނެ ކަމަށް ގަބޫލު ނުކުރެވޭބައެއް ކަމަށާއި އެމީހުންނަށް ވެކްސިން ދިނުމަށް ގޮތްތަކެއް ރާވަމުންދާ ކަމަށެވެ.
"ބައެއް މީހުން އެބައުޅޭ އަޅުގަނޑުމެންނަށް ހޯދަން އުނދަގޫ ބައެެއް، އެމީހުންނަށް އެކި ގޮތްގޮތުން ޓާގެޓްކޮށްގެން އަޅުގަނޑުމެން ބޭނުންވަނީ ގޮތްތަކެއް ހޯދަން. މިހާރު ކަވާވެފައި އޮތީ 62 ޕަސަންޓް. މި އަދަދު އިތުރުކުރަން ދެން އޮތް 10 ދުވަހު އަޅުގަނޑުމެން މަސައްކަތް ކުރާނީ." ޑރ. އަބްދުލް އަޒީޒް ވިދާޅުވި އެވެ.

އެމްއާރް ވެކްސިން ޖެހުމުގެ މުއްދަތު އިތުރު ކުރިކަން އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ ފަޔާޒު މޫސާ
އެޗްޕީއޭ އިން ބުނީ ސްކޫލްތަކާއި ކުންފުނިތަކާ ގުޅިގެން ވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ވެކްސިން ޖަހައިގެން ނައްތާލެވޭ މި ބައްޔަކީ ނޭވާލާ ނިޒާމް މެދުވެރިކޮށް ފަސޭހައިން ގައިން ގަޔަށް އަރާ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.
މި ސަރަހައްދުގައި އެންމެ ފުރަތަމަ މީސަލްސް ނައްތާލެވޭ ގައުމަކަށް ރާއްޖެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ފުރިހަމަ ނުވެ އޮތީ ހަމައެކަނި އާބާދީގެ 93 - 95 ޕަސަންޓު މީހުންނަށް މި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށް އޮތުމެވެ. ރާއްޖޭން މި ބަލި ޖެހިފައިވާ މީހެއް ނުފެންނަތާ ތިން އަހަރު ވެފައިވާއިރު މި ބަލި ޖެހިފައި ހުރި ކަން ޝައްކު ކުރެވޭ މީހުން ދެނެގަނެ، ރިޕޯޓް ކުރުމުގެ ނިޒާމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
އެމްއާރް ވެކްސިން ޖެހުމަށް މާލޭގެ 11 ސަރަހައްދެއްގައި ވެކްސިން ޖަހައިދޭ ޕޮއިންޓްތައް ވަނީ ގާއިމުކޮށްފަ އެވެ. އައިޖީއެމްއެޗްގެ އިތުރުން މާލޭގައި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ސެނަހިޔާ، ވެލާނާގެ، އެމްއެންޔޫ ބިޒްނަސް ސްކޫލް ނޯތު ހާބަރު، ރޯޝަނީ ބިލްޑިންގް، އެންޑީއެމްސީ، އޮލިމްޕަސް، ޔޫތު ސެންޓަރު، އާޓިފިޝަލް ބީޗް އަދި ރަސްފަނުގަ އެވެ.