12 Mar 2017, 11:55
ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ގޭބަންދުގައި ބެހެއްޓުމަށްފަހު ފުލުހުންގެ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކޮށްފިއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 1:30 އަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.
އެ އަމުރު އިސްތިއުނާފު ކުރީ ޒައިދު ބަންދުގައި ބެހެއްޓުމަށް ހުއްދަކުރާ ގާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނާތީ ކަމަށް އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވިއެވެ.
އެ އަމުރުގެ މުއްދަތު ހަމަވިފަހުން އަނެއްކާވެސް ވަނީ އޭނާ އިތުރު 13 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނައާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
އޭނާ އަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ. ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވަކިކޮށްފައެވެ.