އަންކަރާ(މާޗް 12): ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޝާވްޝް އޮގްލޯ ދަތުރުކުރެއްވި މަތިންދާބޯޓު އެމްސްޓަޑަމް އެއަރޕޯޓްގައި ޖެއްސުން މަނާކުރުމުން ތުރުކީއާއި ނެދަލޭންޑްސްގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެގައުމުގެ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

ނެދަލޭންޑްސްގެ މިއަމަލާގުޅިގެން ރައީސް އުރުދުޣާންވަނީ ނެދަލޭންޑްސްގެ ސަރުކާރަކީ ނާޒީ ސްޓައިލްގެ ފެސިސްޓް ސަރުކާރެއް ކަމަށް ސިފަކުރައްވައި ނެދަރލޭންޑްގެ އިސްވެރިން ތުރުކީއަށް ވަނުން މަނާކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އުރުދުޣާން ވިދާޅުވީ، ތުރުކީއާއި ނެދަރލޭންސްގެ ރައްޔިތުންނާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި މައްސަލައޮތީ އެގައުމުގެ ފާސިދު ސަރުކާރާ ދެމެދުގައެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޝާވްޝް އޮގްލޯ ދަތުރުކުރެއްވި މަތިންދާބޯޓު އެމްސްޓަޑަމް އެއަރޕޯޓްގައި ޖެއްސުން މަނާކުރުމުން އޮގްލޯވަނީ އެނބުރި ގައުމަށްވަޑައިގެންފައެވެ.

ތުރުކީ ސަރުކާރުންބުނީ މިއީ ނެދަލޭންޑްސްގެ ސަރުކާރުން އެގައުމަށް ކުރި ވަރަށްބޮޑު އިހާނާތެއް ކަމުގައެވެ. އޮގްލޯ އެމްސްޓަޑަމް އަށް ވަޑައިގަންވަން އުޅުއްވީ ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ނެގުމަށްހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަށް ކޭންޕޭން ކުރެއްވުމަށްޓަކައި ނެދަލޭންޑްސްގައި އުޅޭ ތުރުކީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށެވެ.

މިވޯޓަކީ ރައީސް އުރުދުޣާންގެ ސިޔާސީ މުސްތަގްބަލަށް ވަރަށް މުހިއްމު ވޯޓެއްކަމުން މިވޯޓު ކާމިޔާބުކުރުމަށް އުރުދުޣާން އާއި އޭނާގެ ސަރުކާރުގެ ވަޒީރުން ގެންދަވަނީ ޔޫރަޕްގެ ގައުމުތަކުގައި ދިރިއުޅޭ ތުރުކީ ރައްޔިތުންނާ ބައްދަލުކުރައްވައި ރިޔާސީ ނިޒާމަށް ވޯޓު ދިނުމަށް އެދި ވަރަށް ވަރުގަދައަށް ކޭންޕޭން ކުރުމަށް ރާއްވަވަމުންނެވެ.

މިމައްސަލާގައި ޖަރުމަނުންވެސް ކަންބޮޑުވާކަން ހާމަކޮށް ތުރުކީއާ ދެކޮޅަށް ވާހަކަ ދެއްކުމުން އުރުދުޣާންވަނީ ޖަރުމަނަށްވެސް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ.

ރިޔާސީ ވޯޓަށް ތާއީދު ހޯދުމުގެ ގޮތުން ތުރުކީގެ މަސްއޫލުވެރިން، ޔޫރަޕްގެ ގައުމުތަކުގައި ދިރިއުޅޭ ތުރުކީ ދަރިކޮޅުގެ މީހުންނާ ބައްދަލުކުރުމުގެ އެއްވުންތަކެއް އެމީހުން ގިނައިން ދިރިއުޅޭ ގައުމުތަކުގައި އިންތިޒާމް ކުރަމުން ގެންދާއިރު ޔޫރަޕްގެ ގައުމުތަކުން ގެންދަނީ އެގައުމުތަކުގައި ބާއްވާ މިފަދަ އެއްވުންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެއީ މިފަދަ އެއްވުންތަކުގައި ޓެރަރިޒަމަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގުމުގެ ފުރްސަތު ބޮޑުކަމަށް ޔޫރަޕްގެ ގައުމުތަކުން ދެކޭތީއެވެ.

ނަމަވެސް ތުރުކީގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވަނީ މިއީ ޑިމޮކްރަސީގެ ނަމުގައި އަޑުފަތުރަމުންގެންދާ ޔޫރަޕްގެ ގައުމުތަކުން ޑިމޮކްރަސީއަށް ހުރަސްއެޅުން ކަމުގައެވެ. ސުލްޙަވެރި އެއްވުންތަކަށް ހުރަސްއެޅުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމާއި މިފަދަ އެއްވުންތައް ހުއްޓުވައި ކޭންޕޭނަށް ހުރަސްއަޅައި ތުރުކީގެ މަސްއޫލުވެރިން އެގައުމުތަކަށް ވަނުން މަނާކުރުންފަދަ ކަންކަމަކީ ޑިމޮކްރަސީގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން ގެންގުޅެނީ މުނާފިގު ގޮތްތަކެއްކަން ހާމަވާކަމެއްކަމަށް ތުރުކީގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ތުރުކީގެ ވެރިކަން ބަދަލުކޮށްލުމަށްޓަކައި މިދިޔަ އަހަރު ގެންނަން މަސައްކަތްކުރި އިންގިލާބާ ގުޅިގެން ތުރުކީ ސަރުކާރުންވަނީ ކުއްލި ހާލަތު އިޢްލާންކޮށް ޑިމޮކްރަސީއާ ޚިލާފު އެތަށް ފިޔަވަޅުތަކެއް އަޅައި ދެ ލައްކަ އެއްހާމީހުން ވަޒީފާއިން ވަކިކޮށް ތިރީހަކަށް ހާސްމީހުން ޖަލަށްލާފައެވެ. އަދި ތުރުކީގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރަނީވެސް އުރުދުޣާންގެ ވެރިކަމުގެ ބާރުތައް ގަދަކޮށް ދިގުމުއްދަތަކަށް ވެރިކަމުގައި ހުންނެވުމުގެ ބޭނުމުގައި ކަމަށް ޔޫރަޕްގެ ގައުމުތަކުން ދެކެއެވެ.

މިމައްސަލައިގެ އިތުރުން ތުރުކީ މަގުން ޔޫރަޕަށް ރެފިއުޖީންދާ މައްސަލައާ އަދި ތުރުކީގެ ކުރުދީ ދަރިކޮޅުގެ މީހުންގެ ހައްގުތަކަށް ތުރުކީ ސަރުކާރުން އަރައިގަންނަމުންދާ މައްސަލައާ ގުޅިގެން ތުރުކީއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އޮބާމާގެ ވެރިކަމުގައި ތުރުކީވަނީ އެމެރިކާއާވެސް ވަރަށްބޮޑަށް ޖެހިފައެވެ. ނަމަވެސް އެމެރިކާގެ ހަރުކަށި ޚިޔާލުގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި އުރުދުޣާންވަނީ އެމެރިކާއާ ގުޅުންތައް ވަރަށް ބަދަހި ކުރައްވާފައެވެ.

ތުރުކީއަކީ ސޫރިޔާއާއި އިރާގުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށްވެސް ވަދެގަންނަމުންދާ ގައުމެކެވެ. އިރާގާއި ސޫރިޔާގެ ސަރުކާރުގެ ހުއްދައާ ނުލައި ތުރުކީ ގެ އަސްކަރީ ބާރުތައް އެދެގައުމުގެ އުތުރުން ވެދެގަނެ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެދެގައުމުގެ ބިމުގައި ހަރަކާތްތެރިވަމުން ގެންދެއެވެ. އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކުރުމުގައި ވެސް ތުރުކީގެ ދައުރު ވަރަށް ބޮޑެވެ. (ނޫސްއެޖެންސީތައް)