ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭއިރު ޓެކްސީތަކަށް ޕެޓްރޯލް އެޅުމަށް ކާޑުން ފައިސާ ނުދެއްކޭތީ ޝަކުވާ ބޮޑުވެއްޖެއެވެ.

މިދިޔަ މަހު ފަހުކޮޅުން ފެށިގެން ޓެކްސީތަކުގައި ޕީއޯއެސް މެޝިންތައް ބަހައްޓައި ބީއެމްއެލުން ގަބޫލުކުރާ ކާޑެއް ބޭނުންކޮށްގެން ފައިސާ ދެއްކެއެވެ. މޯބައިލް ޕޭ ބޭނުންކޮށްގެން ވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ އެވެ.

ޓެކްސީ ޑުރައިވަރަކު ސަން އަށް މައުލޫމާތުދެމުން ބުނިގޮތުގައި ޓެކްސީތަކުން ތެޔޮ އެޅުމަށްދާއިރު ޕެޓްރޯލް ޝެޑްތަކުން ކޭޝްކާޑް ބަލައިނުގަންނާތީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ.

ބީއެމްއެލް ކާޑުން ކެޑޭ ބީއެމްއެލްގެ ޓެކްސީ ޕީއޯއެސް-- ފޮޓޯ/ ބީއެމްއެލް

"ކުރިންވިއްޔާ ފައިސާ އަތައް ލިބޭތީ ޕެޓްރޯލް އެޅޭނު އެފައިސާއިން، ކާޑް ބޭނުންކުރީމަ ފަސޭހަ، އެކަމަކު ޕެޓްރޯލް އަޅަންމިޖެހެނީ ބެންކަށްގޮސް ކިޔޫގައި ހުރެ ފައިސާ ނަގަން، ވަރަށް ވަގުތު މިގެއްލެނީ،" ޓެކްސީ ޑުރައިވަރަކު ބުންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ އެސްޓީއޯއިންވެސް އަދި ވިލާއިންވެސް ކޭޝްކާޑު ބަލައެއް ނުގަނެއެވެ.

އެސްޓީއޯގެ އޮފިޝަލަކު ވަނީ އެކުންފުނީގެ ޕެޓްރޯލް ޝެޑްތަކުގައި ކޭޝްކާޑްގެ ހިދުމަތް އަދި ނުދޭކަން ޔަގީންކޮށްދީފައެވެ. ކޭޝްކާޑް ހިދުމަތްދޭނެ ދުވަހެއް އަދި ހާމައެއްނުކުރެއެވެ.

ޓެކްސީ ޑުރައިވަރުންގެ އެދުމަކީ ޕެޓްރޯލް އަޅަންގޮސް ކޭޝްކާޑުން ފައިސާ ދެއްކޭނެ އުސޫލެއް ގާއިމްކޮށްދިނުމެވެ.