ބެއިޖިންގ: ހުޅަނގުގެ ބްރޭންޑްގެ ޑިމޮކްރަސީ ޗައިނާގައި ތަޢާރަފް ކުރުމަކީ ދުރުކަމެއް ކަމަށް އިޝާރާތް ކުރައްވައި އެޤައުމުގެ ރައީސް ހޫޖިންޓާއޮ ވާހަކަ ދައްކަވައިފި އެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އަށް 90 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދެއްވި ޚިތާބެއްގައި ހޫޖިންޓާއޮ ވިދާޅުވީ ޗައިނާގައި މިހާރުއޮތް ސޯސަލިސްޓް ޑިމޮކްރަސީއާގެން އެޤައުމު ކުރިޔަށްދާނެ ކަމަށާ ޗައިނާ ހޯދަމުންގެންދާ އާދަޔާ ޚިލާފު އިޤްތިސާދީ ތަރައްޤީ އާއި އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ފަހަތުގައި ވަނީ އެޤައުގެ ސޯސަލިސްޓް ޑިމޮކްރަސީ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކިއެކި ނަންނަމުގައި ޤައުމުގައި ހަމަނުޖެހުމާއި ގަނޑުބަޑު އުފެއްދުމުގެ ފުރްސަތު ސަރުކާރުން ނުދޭނެ ކަމުގައެވެ. ނަމަވެސް ގުޑްގަވަރނަންސްގެ އަސާސްގެ މަތިން ޤައުމުގެ ސޯސަލިސްޓް ޑިމޮކްރަސީ އިތުރަށް ފުޅާކުރުމުގެ ޕްލޭނެއް ހޫޖިންޓާއޮ އިޢްލާން ކުރެއްވި އެވެ.

މި ޕްލޭންގައި، ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އިސްމަޤާމްތަކަށް ބޭފުޅުން އިންތިޚާބު ކުރުމުގައި ވާދަ ކުރުމުގެ ހަނިފުރްސަތެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ކޮރަޕްޝަނާ ހަނގުރާމަކުރުމަކީ ޗައިނާގެ ސޯޝަލިސްޓް ޑިމޮކްރަސީގެ އަސާސެއް ކަމަށް ވިދާޅުވެ ކޮރަޕްޝަނާ ހަނގުރާމަކުރުމުގައި އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް ހޫޖިންޓޯއޮ ވިދާޅުވި އެވެ.
ޗައިނާގެ ސޯޝަލިސްޓް ޑިމޮކްރަސީ ބިނާވެފައި ވަނީ ލެނިޒަމާއި މާކްސިޒަމްގެ އިތުރުން ޗައިނާގެ ކޮމިއުނިސްޓް ބާނީން ކަމަށްވާ މާއޮ ޒެޑޮން އާއި ޑެންގްޝާއޮޕިން ފަދަ ބޭފުޅުންގެ ސިޔާސީ ފިކުރުގެ އިތުރުން މިހާރު ތަޢާރަފް ކޮށްފައިވާ ސައެންޓިފިކް ޑިވެލޮޕްމެންޓް އައިޑިއޮލޮޖީގެ މައްޗަށެވެ.

ޗައިނާގެ ނޫސްތަކުގައި ހުޅަނގުގެ ބްރޭންޑްގެ ޑިމޮކްރަސީ ސިފަކުރަނީ ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ހަމަނުޖެހުމާއި ގަޑުބަޑާއި ފިތްނަ އުފެއްދުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ނިޒާމެއްގެ ގޮތުގައެވެ. އަދި ޗައިނާގެ ބައެއް އެކްޓިވިސްޓުން ގޮވާލަމުންދާ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަކީ މިޒަމާނުގެ ސިޔާސީ ހަތިޔާރު ކަމަށްވެސް ޗައިނާގެ މީޑިޔާ ސިފަކުރެ އެވެ.

ނަމަވެސް ޑިމޮކްރަސީއަށް ގޮވާލާ ޗައިނާގެ އެކްޓިވިސްޓުން ހަރުކަށިގޮތްތަށް ހައްޔަރު ކުރުމުގެ ބަދަލުގައި ސުލްޙަވެރިގޮތުގައި މުޒާހަރާ ކުރުމުގެ ފުރްސަތު މިފަހަކަށް އައިސް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުންވަނީ ދޭންފަށާފައެވެ. (ނޫސްއެޖެންސީތައް)