12 Mar 2017, 00:55
ރާއްޖޭގައި މިދުވަސްކޮޅު ހަލުވިކަމާއެކު ފެތުރެމުންދާ ހުން ޖެހިގެން ރ. މީދޫ ސިއްހީ މަރުކަޒަށް ދައްކަންދާ މީހުން ގިނަވެ، އެ މަރުކަޒުގައި އެޑްމިޓް ކުރާނެ ޖާގަ ހުސްވެއްޖެ އެވެ.
އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރާނެ ޖާގަ ނެތި ފުރިފައިވާ ކަމަށް އެ މަރުކަޒުން ވަނީ ޔަގީންކޮށްދީފަ އެވެ.
"މިހާރު ދެން އިތުރަށް އެޑްމިޓްކުރާނެ ޖާގައެއް ނެތް،" ރ. މީދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެ މަރުކަޒުގެ ވޯޑުގައި ހަ އެނދު ހުންނަ އިރު، އެ އެނދުތައް ފުރުމުގެ ސަބަބުން އެ މަރުކަޒުގެ ވޯޑުން ބޭރުގައި ވެސް ވަނީ އެނދުތަކެއް ބަހައްޓާފައެވެ. އަދި އެ އެނދުތައްވެސް ފުރިފައިވާތީ އެ މަރުކަޒުގައި އިތުރު މީހަކު އެޑްމިޓް ކުރާނެ ޖާގައެއް މިހާރު ނެތެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ، މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށެވެ. އެހެން ކަމުން އެބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އެ އޭޖެންސީން އިލްތިމާސްކުރެއެވެ.