12 Mar 2017, 00:24
ރާއްޖޭގެ ނަން ފަހުރުވެރިކޮށްދިން ޓީސީ ސްޕޯޓްސް ކްލަބު ހޯދި ކާމިޔާބަކީ ދިވެހި އެހެން ކްލަބުތަކުން ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެއް ނޫން ކަމަށާއި ދިވެހި ފުޓްބޯޅައިގެ ތާރީޚު އޮޅުވާނުލުމަށް އެފްއޭއެމް ކުރީގެ ރައީސް އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ޗެއާމަން އަލީ އާޒިމް ގޮވާލައްވައިފިއެވެ.
ބަނގްލަދޭޝްގައި ދާދި ފަހުން ނިމިގެންދިޔަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ވާދަކުރި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ބައިނަލްއަގުވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ދިވެހި ކްލަބުގެ ޝަރަފް ހޯދައިފައެވެ. އާޒިމް ނެރުއްވި ބަޔާނެއްގައި އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ވެސް ޓީސީ އަކީ "ބައިނަލްއަގުވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ކްލަބު"ގެ ގޮތުގައި މީޑިއާތަކުންނާއި އެފްއޭއެމްއިން ސިފަކުރަމުންދާތީއެވެ.
"އެ މުބާރާތުން ޓީސީ ހޯދި ކާމިޔާބީއަކީ މީގެ ކުރިން ބައެއް ކްލަބުތަކުން އިންޓަނޭޝަނަލް ލެވެލްގައި ހޯދާފައިވާ ކާމިޔާބީތަކަށްވުރެ ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކޮށްދިނުމަށްޓަކައި ލިޔަމުން ގެންދާ ލިޔުންތަކަކީ އަދި ދައްކަމުންގެންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފް ވާހަކަތަކެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުސްތަގުބަލުގައި ދިވެހި ފުޓްބޯޅަ ކުރިއަރުވާ، ތަރައްގީކުރުމަށް އެކިއެކި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ހީނަރުކަމެއް އަތުވެދާނެކަމީ އެކަށީގެންވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ،" އޭނާ ނެރުނުއްވި ބަޔާނުގައިވެއެވެ.
އާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭއްވި އަދި ދޭތެރެދޭތެރެއިން ބާއްވަމުންދާ ޕޮމިސް ކަޕަކީ ފަހަރެއްގައި ވެސް ބައިނަލްއަގުވާމީ މުބާރާތެއް ނޫން ކަމަށާއި، ޓީސީ ކާމިޔާބުކުރި މުބާރާތަކީ ޕޮމިސް ކަޕަށްވުރެ އެންމެ ތަންކޮޅެއް ވެސް ފެންވަރުމަތީ މުބާރާތެއް ނޫން ކަމަށެވެ. އަދި މީގެކުރިން ރާއްޖޭގެ ބައެއް ކްލަބުތަކުން އެއަށްވުރެ މަތީ މަގާމުތައް ހޯދާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މީގެ ކުރިން ރާއްޖޭގެ ބައެއް ކްލަބުތައް ކަމުގައިވާ ނިއު ރޭޑިއަންޓް އެސް.ސީ، ވިކްޓަރީ އެސް.ސީ، ކްލަބު ވެލެންސިއާ ފަދަ ކްލަބުތަކުން ރާއްޖެއަށް މާމަތީ ނަމާއި، ޝަރަފާއި، ކާމިޔާބީ ހޯދައިދީފައިވަނިކޮށް އެކަންކަމަކީ ނުވާ އަދި ނުހިނގާ ކަންކަމަށް ދެއްކުމަކީ ފުޓްބޯޅަ ތާރީޚު އޮޅުވާލުންކަމުގައި ދެކޭތީވެ އެވާހަކަ ހިއްސާކޮށްލީމެވެ. އަދި މި ފުރުސަތުގައި ޓީސީ އެސް.ސީ އިން ހޯދި ކާމިޔާބީއަށް އެޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް އަދި ކޯޗަށް މަރުހަބާ ކިޔަމެވެ. އަޅުގަނޑަކީ ވެސް އަބަދުވެސް ދިވެހި ފުޓްބޯޅައަށް ކުރިއެރުމާއި ތަރައްގީއަށް އެދޭ މީހެކެވެ،" އޭނާ ވިދާޅުވިއެވެ.
ޓީސީއަކީ ބައިނަލްއަގުވާމީ ކާމިޔާބެއް ހޯދި ފުރަތަމަ ކްލަބުކަމުގައި ބުނެ ވާހަކަތައް ފަތުރަމުންދާ ފަރާތްތަކަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚު ނުދަންނަ ބައެއްގެ ގޮތުގައި އާޒިމް ސިފަކުރައްވާފައިވާއިރު، އޭނާ ނެރުއްވި ބަޔާނަކީ އެފަރާތްތަކަށް ކަންތައްތައް އޮޅުންފިލުވައި ދިނުމަށްޓަކައި ނެރުއްވި ބަޔާނެއް ކަމަށް ވިދާޅުވެއެވެ.