ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު، "މީ ލޯތްބަކީ" ގެ ފުރަތަމަ ޓްރެއިލާ މިއަދު ރިލީޒްކޮށްފައިވާއިރު ބޮޑު ތަރުހީބެއްް ލިބެމުންދާ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައިވާނެ ކަމަށާއި މިހާރުވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ހެނދުނު އަޅުގަނޑުމެން މި ޓްރެއިލާ އާންމު ކުރީ. މިހާރުވެސް މުޅިއަކު ތޭރަ ހާހަށް ވުރެ ގިނަ އަދަދެއްގެ ބަޔަކު ޓްރެއިލާ ބަލައިފި. ވަރަށް ތަރުހީބު ބޮޑު،" މޮގާ ބުންޏެވެ.

މޮގާ ބުނީ، މިއަދު ރިލީޒްކުރި ޓްރެއިލާ އަށް ލިބެމުންދާ ތަރުހީބުންވެސް ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

"މީ ލޯތްބަކީ" ޕްރޮމޯޓް ކުރުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާއިރު ފިލްމުގެ ފުރަތަމަ ލަވަ "އޭ މަންޖޭ" މިދިޔަ ހަފްތާގައި ވަނީ ރިލީޒްކޮށްފައެވެ.

އަލީ ޝިފާއު އާއި އައިޝަތު ފުއާދު ތައުފީގު ގެ ސްކްރީންޕްލޭ އަކަށް އުފައްދާ "މީ ލޯތްބަކީ" ޓިކެޓް އޮންލައިންކޮށް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މާދަމާ އޮލިމްޕަހުންވެސް ޓިކެޓް ގަންނަން ލިބޭނެ ކަމަށް މޮގާ ބުންޏެވެ.

"އަޅުގަނޑުމެން ކުރިން ބުނެފައިވާނެ އިއްޔެ އޮލިމްޕަހުން ޓިކެޓް ވިއްކާނަމޭ. އެހެން ނަމަވެސް އިއްޔެ ބަންދު ދުވަހަކަށް ވުމުން މާދާމާ ވިއްކާ ގޮތަށް ނިންމީ. އަދި އޮންލައިންކޮށް ބުކް ކޮށްފަ ހުރި ޓިކެޓް ތައްވެސް މާދަމާއިން ފެށިގެން ވިއްކަން ފަށާނެކަން ފާހަގަކޮށްލަން،" މޮގާ ބުންޏެވެ.

"މީ ލޯތްބަކީ" ގެ ފުރަތަމަ ޓްރެއިލާ----

ފިލްމުގެ މަންޒަރުތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ޝޫޓްކޮށްފައިވާއިރު، ކ. ހުރާގައިވެސް ބައެއް މަންޒަރުތައް ވަނީ ނަގާފައެވެ.

އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ އެ ފިލްމުން ބޮޑު ކާސްޓެއް ވެސް ފެނިގެންދާނެއެވެ. މޮގާ ބުނަނީ، "މީ ލޯތްބަކީ" ބަލަންދާ ކޮންމެ މީހަކުވެސް ހެއްވާލާނެ މަޖާ ފިލްމަކަށް އެ ފިލްމު ވާނެ ކަަމަށެވެ.

ފިލްމުން މުޅިން އާ ތަރިންތަކެއް ތައާރަފް ވެގެން ދާއިރު އެ ފިލްމުގެ ލީޑު ރޯލުންވެސް ފެންނާނީ އެންމެންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލެވެ.