11 Mar 2017, 22:32
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހީމް، ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.
މެޑަމް ފާތުން ތިލަދުންމަތީގެ ބައެއް ރަށްތަކަށް ފަށްޓާވާފައިވާ އެ ދަތުރުފުޅަކީ، އެކަމަނާ "އެންމެގާތުން" ގެ ނަމުގައި ފައްޓަވާފައިވާ އިޖުތިމާއީ ހަރަކާތުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.
އެކަމަނާ އިއްޔެ ވަނީ، ހއ. އިހަވަންދުއަށް ވަޑައިގެންފަ އެވެ. އަދި މިއަދު ހޯރަފުއްޓަށާއި ކެލާއަށް ވަޑައިގެންފައިވާއިރު، މާދަމާ އުތީމު، ދިއްދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، މެޑަމް ފާތުން ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅަކީ، ރައްޔިތުންގެ ހާލު ގާތުން ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށެވެ. އަދި ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބައްދަލުކުރުމަކީ، މެޑަމް ފާތުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ކޮންމެ ރަށަކުންވެސް އެކަމަނާއަށް ހޫނު މަރުހަބާއެއް ލިބެމުން އަންނަ ކަމަށެވެ.
މެޑަމް ފާތުން މިދިޔަ ފެބްރުއަރީ މަސް ތެރޭގައިވަނީ، ރަށްތަކަށްވެސް ވަޑައިގެންފަ އެވެ.