އޭއެފްސީ ޗެލެންޖް ކަޕް 2014ގެ ތިންވަނަ ރާއްޖެއަށް ހޯދައިދިން ކޯޗު އަދި މިހާރު ބަނގްލަދޭޝްގެ ޗެމްޕިއަން ދާކާ އަބަހާނީއަށް އިރުޝާދުދެމުންދާ ޑްރާގޯ މަމިޗްއަށް ދިވެހި ކުޅުންތެރިން އެނގޭނެ ކަމަށާއި އެކަމަކު އޭނާއަށް އެނގޭނީ ކުރިން އެ ކުޅުންތެރިން ދެއްކި ކުޅުން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ކޯޗަކަށް 2014 ވަނަ އަހަރު އައްޔަންކުރި މަމިޗް މަގާމުން ދުރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭއެފްސީ ކަޕްގައި މަމިޗްގެ އިރުޝާދުގެ ދަށުން އަންނަ އަންގާރަ ދުވަހު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނާނެއެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗަށް ބަންގާޅަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން އެޓީމުގެ ކޯޗު ސެކުލޮވްސްކީ ބުނީ، މަމިޗްގެ އިރުޝާދުގެ ދަށުން ދެއްކި ކުޅުމަށްވުރެ، ރަނގަޅު ކުޅުމެއް މާޒިޔާގެ ކުޅުންތެރިން ދައްކާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަހަރެންނަށް އެނގޭ އިދިކޮޅު ޓީމުގެ ކޯޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗުކަން. އޭނާއަށް ޔަގީނުން ވެސް ކުޅުންތެރިން އެނގޭނެ. އޭނާއަށް އެނގޭނީ މީގެ އޭރު ކުޅުންތެރިން ދެއްކި ކުޅުން. އުންމީދަކީ އަހަރެމެންގެ ޓީމުގެ ކުޅުންތެރިން އޭނާގެ އިރުޝާދުގެ ދަށުން ދެއްކި ކުޅުމަށްވުރެ، ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް. އޭނާއަށް އަހަރެމެންގެ ޓީމާ ބެހޭ މައުލޫމާތުތައް ރަނގަޅަށް އެނގޭނެ. އެހެންވެ އަހަރެމެން ވެސް މަސައްކަތްކުރީ އެޓީމުގެ މައުލޫމާތުތައް ހޯދަން. ކޮންމެ މެޗެއްގައި ވެސް ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކައިފިނަމަ، އަހަރެން ހުންނާނީ ވަރަށް ހިތްހަމަޖެހިފައި،" އޭނާ ބުންޏެވެ.

ސެކުލޮވްސްކީ ބުނީ، ދާދި ފަހުން ބަންގާޅުގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް އަބަހާނީ ކުޅުނު މެޗުގެ އިތުރުން ވެސް އެ މުބާރާތުގައި އަބަހާނީ ކުޅުނު ހުރިހާ މެޗެއް ވެސް ބަލާފައިވާނެ ކަމަށެވެ. އަދި މިހާރު އެޓީމަށް ފަސް ކުޅުންތެރިން ގެނެސްފައިވާތީ އެޓީމުގެ ކުޅުން އޭރަށްވުރެ މިހާރު ތަފާތު ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ބެލިން އެޓީމު ކުޅުނު ތިން މެޗު ވެސް. އެޓީމުން ވަނީ މިހާރު އިތުރު ފަސް ކުޅުންތެރިންގެ ސޮއި ހޯދާފައި. އެ ޓީމުން ވަނީ އެގައުމުގެ ހަތަރު ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިޔަކު ގެނެސްފައި. އެހެންކަމުން މިހާރު އެޓީމު ތަފާތުވާނެ ކަމަށް އަހަރެން ދެކެނީ. އެއީ އެކުވެރިކަމުގެ މުބާރާތެއް. މިހާރު މިއީ ވާދަވެރި މުބާރާތެއް. މި މުބާރާތުގައި އެޓީމުން ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާނެ. ޓީސީ ކުޅުނު މެޗުގައި އެޓީމު ބަލިކުރީމަ އުފާކުރަން،" މާޒިޔާގެ ކޯޗު ބުންޏެވެ.

ކޯޗު ސެކުލޮވްސްކީ އިތުރަށް ބުނީ، އަބަހާނީގެ ކުޅުން ދިރާސާކޮށް އެޓީމުގެ ބައެއް ކަންތައްތައް ފާހަގަކޮށްފައިވާނެ ކަމަށާއި ފުރަތަމަ މެޗުގެ ޓާގެޓަކީ ރަނގަޅު ނަތީޖާއެއްނެރެ ފެށުން ރަނގަޅުކުރުން ކަމަށެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ މިފަހަރު އޮތީ ބަނގްލަދޭޝްގެ ޗެމްޕިއަން ދާކާ އަބަހާނީއާއި، އިންޑިއާ ޗެމްޕިއަން ބެންގަލޫރު އެފްސީ އަދި އެގައުމުގެ ރަނަރަޕް މޯހަން ބަގާންއެކު 'ގްރޫޕް އީ'ގައެވެ. އޭގެ ތެރެއިން ބެންގަލޫރު އެފްސީއަކީ އިންޑިއާގެ ޗެމްޕިއަނުންގެ އިތުރުން އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަޕެވެ.

ބަންގަބަންދު ނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ 'ގްރޫޕް އީ'ގެ މެޗުގައި ދާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އަންނަ އަންގާރަ ދުވަހު ރާއްޖެގަޑިން ހަވީރު 5:10 ގައެވެ.