12 Mar 2017, 09:05
ކޯޓު ލައިގެން ގޮނޑީގައި އިނދެ "ހައެ، ހައެ" ގޮވަމުން އެހަދަނީ ބޮޑު ގޯހެކެވެ. އިހުސާސް ނަމުގައި އެގޮވާ ހުތުރު ބަހުރުވަތަކަކީ މޮޅުކަމެއް ނޫނެވެ. ޔޫރަޕު ލަވަކިޔުންތެރީން ކޮޕީކުރަން އެހިންގާ ހަރަކާތްތައް، ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމީ އުސޫލްތަކަށް ބެލިނަމަވެސް އެކަން ފުށުއަރަ އެވެ. ކާކުކަން އެނގޭގޮތަށް ފާޅުގައި މިފަދަ އަމަލުތައް ހިންގަމުންދާ އިރު އެއީ ގާނޫނު ބުނާގޮތުން ޖަލު ހުކުމްތައް އަންނަ ވަރުގެ ކުށްތަކެވެ.
ޔޫޓިއުބު ޗެނަލްތަކުގައި ލަވައިގެ ނަމުގައި ހުތުރު ބަހުން ޅެން ކިޔުން އާންމުވެއްޖެ އެވެ. ހާއްސަކޮށް އަންހެނުންގެ ކަރާމާތް ގެއްލޭ ގޮތަށް އެކަނބަލުންނަށް ނިސްބަތްކޮށް ހުތުރު ބަހުން ޅެން ކިޔައި ބައެއް ޒުވާން އަންހެން ކުދިންލަށްވައި ހުތުރު ބަދުއަހުލާގީ ވައްތަރުތައް ޖައްސުވައި އެވީޑިއޯ ލަވައިގެ ނަމުގައި އާންމުކުރަނީ އެވެ. މަދު ބަޔަކު ކުރާ އެފަދަ އަމަލުތަކުގެ ސަބަބުން އަގުވެއްޓި ބޭޒާރު ވަނީ އަންހެން ޖިންސެވެ. މުޖުތަމައުއަށް އެކުދީން ގިނަވަނީ އެވެ. ކިތަންމެ ގާބިލަސް އިތުބާރު ގެއްލެނީ އެވެ.
މިހާރަކަށް އައިސް ނެރެމުންދާ ދިވެހި ލަވައާއި ފިލްމަށް ވިސްނިއަސް އެކަން ސާފެވެ. މާބަދުއަހުލާގީވަނީއެވެ. ފިރިހެނުން ތިބެނީ ރަސްމީހެދުމުގަ އެވެ. އަންހެނުނުނާ މުހާތަބު ކުރަނީ ހުތުރު "ވަހުޝީ" ބަހުރުވައިންނެވެ. ކައިރީ ގެންގުޅޭ އަންހެން ކުދީން ލައްވައި ޖައްސުވަނީ އެކުދީންގެ ތިމާގެ މީހަކަށް ވެސް ބަލައިލާން ނުކެރޭ ވައްތަރުތަކެވެ. ނަތީޖާއަކީ އަންހެނުންނަކީ "އަގުދަށް" ބައެއްގެ ގޮތުގައި ލޭބަލްވުމެވެ.
ލަވަކިޔުންތެރިން ބަލައެއް ނުގަނޭ!
އަމިއްލަ ރާގު އުފައްދައި ލަވަކިޔާތާ 43 އަހަރުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ހަންނާން މޫސާ ދީދީ ވިދާޅުވީ އެއީ ކުރިއަރައި ދެވޭނެގޮތްތައް ނޫން ކަމަށެވެ. ލަވަކިޔާ ކުދިންނަށް ހަންނާނު ދޭ ނަސޭހަތަކީ އެ ދާއިރާއިން ކުރިއަރަން ބޭނުންވާ ނަމަ ރަނގަޅު ބަހުރުވަ ބޭނުންކޮށްގެން ރީތި ބަހުން ލަވަތައް ކިޔުމަށެވެ.
"އަޅުގަނޑުމެންގެ ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްދެއްތޯ، އެހެންވީމަ ކިޔާ ލަވަތަކާއި އެ މަންޒަރުތައް ވެސް މުޖުތަމައު ބަލައިގަންނަ މިންވަރަށް ހުރީމަ އެކަން މީހުން ބަލައިގަންނާނީ ވެސް އަދި އެލަވަތައް ހިނގާނީވެސް،" ހަންނާން ވިދާޅުވި އެވެ.
އެފަދަ ކަންކަން ހުއްޓުވޭނީ އެކަށޭނަ މިންގަނޑުތަކެއް ކަނޑައަޅައި އެކަންކަން މޮނީޓާކޮށްގެން ކަމަށް ވެސް ހަންނާން ވިދާޅުވި އެވެ.
ފާހިޝް ކަންކަމަށް އޮތް ފުރުސަތުތެއް!
އެފަދަ ކަންކަން އާންމުވުމުގެ ނަތީޖާއަކަށް ވަނީ އިހުތިރާމް ދަށްވުމެވެ. އެކަން ވަނީ ފިރިހެނުންގެ އަވައިގައިޖެހި އެފުރުސަތު އަންހެނުން ދޭތީކަން އެފަދަ ހާދިސާތަކުން އެނގެ އެވެ. ހައްލަކީ އެފަދަ އަމަލުތަކުން ރައްކާތެރިވުމެވެ.
ރާއްޖޭގައި އުފައްދާ މުނިފޫހި ފިލުވުމުގެ އެކިއެކި އުފެއްދުންތައް ސެންސަރުކުރުމުގެ ބާރު ލިބިފައިވާ ނެޝެނަލް ބިއުރޯ އޮފް ކްލެފިކޭޝަންގެ ޑިރެކްޓަރު ހުސެއިން ޝަރީފް ވިދާޅުވި ގޮތުގައި އެފަދަ މަންޒަރުތައް އިންޓަނެޓުގެ އެކިއެކި ވަސީލަތްތަކުގައި އާންމުވާ އިރު އެ ބިއުރޯއަށް އެކަން ހުއްޓުވުމުގެ މެންޑޭޓް ލިބިފައެއް ނުވެ އެވެ. އެކަން ކުރަނީ އެބޯޑުން ފާސްކުރުމެއްނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދަ މައްސަލަތަކަކީ އާންމު އިޖުތިމާއީ މައްސަލަތަކެއް އުފެދޭނެ ސަބަބެެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ދެން އުފެދޭ ޖީލެއް ވެސް އެފަދަ ކަންކަން ކުރަން އޮތް ފުރުސަތެއް ކަމަށް ހުސެއިން ވިދާޅުވި އެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު ވިދާޅުވީ، ސޯޝަލް މީޑިއާއާއި އިންޓަނެޓުގެ އެކި ވަސީލަތްތަކުގައި އިސްލާމްދީނާއި ރާއްޖޭގެ އުސޫލްތަކާ ހިލާފަށް ދިވެހީން ކުރާ އެފަދަ ކަންކަން ހުއްޓުވަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރާ އެކިއެކި ނޭދެވޭ ކަންކަން ހުއްޓުވުމަށް ކޯޓް އަމުރުތައް ހޯދައި އެކަން ކުރަމުން އަންނަ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަދި ތަހުގީގް ކުރާ އިދާރާތަކަށް އެކަން މާ ފަސޭހަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިކުރަނީ ޖަލަށްލެވޭނޭ ފަދަ ކުށެއް
!
މިފަދަ އަމަލުތަކުގެ ސަބަބުން ޅަދުވަހު ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހުމުގެ ފުރުސަތު އެބައޮތެވެ. އެފަދަ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން ޖަލު ހުކުމްތައް، މީހުންގެ މައްޗަށް ފަހުގެ ތާރީހެއްގައި ކޮށްފައި ވެސް އެބަހުއްޓެވެ.
ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވި ގޮތުގައި ބަދުއަހުލާގީ މަންޒަރުތައް ދައްކުވައިގެން ހަދާފައި ހުންނަ އެފަދަ މަންޒަރުތަކާއި ލަވަތަކަކީ އޮރިޔާން ކާޑް އުފެއްދުމެވެ. އަދި އެއީ ގާނޫނީ ގޮތުން ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އަމަލުކުރާ ޕީނަލްކޯޑުގެ، އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ތެރެއިން އޮރިޔާން ކާޑް އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ އަތުގަައި ގެންގުޅުން، ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެ ގެނައުމަކީ ކުށެކެވެ.
އެކުށަކީ ޖުނަޙްގެ އެއް ވަނަ ދަރަޖައިގެ ކުށަކަށްވާއިރު އެއް އަހަރުގެ ޖަލުހުކުމެއް އަދަބުގެ ގޮތުގައި ކަނޑައެޅެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާއްމުކޮށް އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންތައްތަކާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަންތައްތައް ފެތުރޭ ނަމަ އެފަދަ ކަންތައްތައް ފުލުހުން ބަލަމުން ގެންދާ ކަމަށާއި ނުވަތަ ކޮންމެ ވެސް ފަރާތަކުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާ ކަމަށެވެ.
ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި ބަޔަކު ނުކުމެ ފާޅުގައި ލަވައާއި މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތަކުގެ ނަމުގައި ފަތުރަނީ އިންތިހާއަށް ފާހިޝް އަމަލުތަކެވެ. ކަނބަލުންގެ އަގު ވައްޓާލަނީ އެވެ. ރާއްޖޭގެ ގާނޫނުތަކުން ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ އިރު އަދަބު ދޭންޖެހެ އެވެ. މިއީ ފުރުސަތު ދީގެންވާނެ އަމަލުތަކެއް ނޫނެވެ.