11 Mar 2017, 19:53
މާލޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިދުވަސްވަރު ފެތުރެމުންދާ އަރިދަފުސް ރޯގާ އަދި ވައިރަލްހުން ޖެހޭ މީހުންނަށް އައިޖީއެމްއެޗުގައި ހާއްސަ ކުލިނިކެއް މިއަދު ހުޅުވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށެވެ.
އެހެންކަމުން މާލޭގައި ޑޮކްޓަރަށް ދެއްކުން ފަހިކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗް ގައި "ފުލޫ ކްލިނިކު"ގެ ނަމުގައި މިއަދުން ފެށިގެން ކުލިނިކެއް ހުޅުވާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ކުލިނިކުން މިއަދު ހުޅުވާފައި ހުންނާނީ މިރޭ 10:00 އަކަށެވެ. އަދި މާދަމާ އިން ފެށިގެން ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ހުޅުވިފައި ހުންނާނެއެވެ.
އެޗްޕީއޭ އިން ބުނީ، ރޯގާއާ ގުޅިގެން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އަދި ޕްރައިވެޓް ކްލިނިކް ތަކުގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ފެތުރެމުންދާ ރޯގާގައި ބައެއް ފަހަރު ބަލިމީހާގެ ހާލުދެރަވާތީވެ، އަރިދަފުސް ރޯގާ ޖެހި މަދުވެގެން ދެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އެ އޭޖެންސީން އިލްތިމާސްކުރެއެވެ.
އަލާމާތްތައް:
ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލުން
މަތީގައިވާ އަލާމާތްތަކުގެ އިތުރުން ކުޑަކުދިންގެ ކިބައިން ފެނިގެންދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި ކެއުން ބުއިން މަދުވުން، މާގިނައިން ނިދުން، އާދަޔާ ހިލާފަށް ރުއިން ފަދަ އަލާމާތްތައް ހިމެނެއެވެ.
އަރިދަފުސް ރޯގާއާއި ވައިރަލް ހުމަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށްވުމާއެކު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
ސަލާމުކަން ދޭންޖެހޭ ކަންތައްތައް:
އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި، އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
- އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދިނުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނެހެދުން
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ:
ގިނައިން ދިޔާތަކެތި ބޭނުންކުރުން
- އަރާމުކުރުން
- ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
- ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފެނާ ފެން)
- ޕެރެސިޓަމޯލް ފިޔަވައި ބޭހެއް ބޭނުން ނުކުރުން
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފަ އާއި އިރުޝާދު ހޯދުން