02 Jul 2011, 09:29
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް ރެލިގޭޝަނަށް ވެއްޓުނު ވިޔަންސާ އަތުން 1-0 ލަނޑުން މޮޅުވި ނަމަވެސް، މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތްހަމަ ޖެހޭ ވަރަށް ވުރެ ވެސް ފަރުވާކުޑަ ކުޅުމެއް ކަމަށް ވީބީގެ ތުރިކީ ކޯޗް ކޭން ވަންލީ ބުނެފި އެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ވިޔަންސާއާ ދެކޮޅަށް ވީބީ ކުޅުނު މެޗަށް ފަހު، ކޯޗް ވަންލީ ބުނީ، މެޗްގައި ކުޅުންތެރިންގެ ފަރާތުން ދައްކުޅުމެއް ފެނުނު އިރު، އެއިން އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން އެއްވެސް ވަރަކަށް ސީރިޔަސް ވެފައި ނުވާ ކަމަށާއި ލީގުގައި މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރެއިން މިމެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ފަރުވާ ކުޑަކުޅުމެއް ކަމަށެވެ.
މެޗްގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އައްސަދު އަލީ (އަނޑުބަރޭ) ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު، ނަތީޖާ ބަދަލުކޮށްލުމަށް ލިބުނު ޕެނަލްޓީ އިބްރާހިމް އާރިފް (ބަކާ) އަށް ކާމިޔާބު ނުކުރެވުމަކީ ވެސް ފަރުވާ ކުޑަކަމުގެ ހެއްކެއް ކަމަށް ކޯޗް ވަންލީ ވަނީ ބުނެފަ އެވެ.
"ކުޅުން ވަރަށް ދަށް. ކުޅުންތެރިންގެ ފަރާތުން ފެނުނީ ފަރުވާ ކުޑަ ކުޅުމެއް. ނަތީޖާ ބަދަލުކޮށްލަން ލިބުނު ފުރުސަތު ވެސް ނާކާމިޔާބުވީ ވެސް ފަރުވާކުޑަކަމުން. ލިބުނު ޕެނެލްޓީ ވެސް ބަކާ ޖެހީ ހިނގާލާފައި ގޮސް. އެއީ ޤަބޫލް ކުރެވޭ ވަރުގެ ކަމެއް ނޫން" ހުސްވި އަހަރުގެ ލީގު ވެސް ވީބީ އަށް ކާމިޔާބު ކޮށްދިން ކޯޗް ވާންލީ ބުންޏެވެ.