11 Mar 2017, 20:04
ވޮޝިންޓަން (މާޗް 11) : ވިކިލީކްސް އިން ބޭޒާރުކުރާ އެމެރިކާގެ ޖާސޫސީ ލިޔުންތަކާއި ރިޕޯޓް ތަކުގެ ސަބަބުން އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ މަސައްކަތްތަކުގެ އިތުބާރުގެއްލި ޖާސޫސީ ހަރަކާތްތައް ހިންގުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު އަދި ސީއައިއޭގެ ކުރީގެ ވެރިޔާ ލިޔޮން ޕެނެޓާ ވިދާޅުވެއްޖެއެވެ.
ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ޕެނެޓާ ވިދާޅުވީ ވިކިލީކްސް އިން ފަޅާއަރުވައި ބޭޒާރު ކުރަމުން ގެންދަނީ އެމެރިކާ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އާއި އެމެރިކާގެ ޖާސޫސީ އެހެން އިދާރާތަކުން އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން ހިންގާ ޖާސޫސީ ސިއްރު މުއާމަލާތްތައް ކަމަށާ މިއީ އެމެރިކާގެ ގައުމީ ސަލާމަތަށް އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމުގައެވެ.
ވިކިލީކްސްއިން ބޭޒާރުކުރަމުން ގެންދާ އެމެރިކާގެ ސިއްރު ޑޮކިޔުމެންޓްތަކާއި ލިޔެކިޔުންތަކުގެ ތެރޭގައި އެމެރިކާ، އެމެރިކާގެ ރަހްމަތްތެރި ޔޫރަޕްގެ ގައުމުތަކަށާއި އެގައުމުތަކުގެ ވެރިންނަށް އަމާޒުކޮށް ސިއްރިޔާތުގައި ހިންގާ ޖާސޫސީ އެތަށްކަންތައްތަކެއްގެ މައުލޫމާތާއި އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާބެހޭ ކަންކަން އޭގެ މައްޗަށް ބިނާކުރާ ޖާސޫސީ ވަރަށް މުހިއްމު ބުރަދަންހުރި ހައްސާސް މައުލޫމާތުތައް ހިމެނެއެވެ.
މިކަމުގައި ވިކިލީކްސްއަށް އެހީތެރިވަނީ ރަޝިޔާގެ ސައިބަރ ސިފައިން ކަމަށް އެމެރިކާ ދެކޭއިރު މިކަން ހުއްޓުވުމުގެ ގާބިލްކަން އެމެރިކާއަށް އަދި ލިބިފައިނެތުމަކީ ވަރަށްބޮޑު މައްސަލައެއްކަމަށް ޕެނެޓާ ވިދާޅުވިއެވެ.
ސީއެންއެންއަށް ދެއްވި ބަސްދީގަތުމުގައި ޕެނެޓާ ވިދާޅުވީ ވިކިލީކްސްގެ ސަބަބުން އެމެރިކާގެ ޖާސޫސީ ހިމާޔަތްކުރުމަށް ކުރަންޖެހޭ ޚަރަދުތައްވެސް އިންތިހާއަށް ބޮޑުވެގެން ހިނގައްޖެ ކަމަށާ ސައިބަރ ޓެކްނޮލޮޖީގެ މިޒަމާނުގައި ލީކުނުވާގޮތަކަށް ޑޭޓާބޭސްތައް ބެލެހެއްޓުމަކީ ބޮޑު ގޮންޖެހުމެއް ކަމުގައެވެ.
ދާދިފަހުންވެސް ވިކިލީކްސްއިންވަނީ އެމެރިކާގެ ވަރަށް ހައްސާސް ސިއްރު މައުލޫމާތުތަކެއް ފަޅާއަރުވާލާފައެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ޖާސޫސީ މައުލޫމާތުތަކުގެ އަގުވެއްޓި ޖާސޫސީކަންކަމުގައި އެމެރިކާ ވިލަރެސްކުރާ އެހެންގައުމުތަކުގެ އިތުބާރުގެއްލުމުގެ މައްސަލަތައް ފެންމަތިވަމުންދާކަމަށް އެމެރިކާގައި ޝާއިޢުކުރާ ރިޕޯޓްތައްވެސް ބުނެއެވެ. (ނޫސްއެޖެންސީތައް)