11 Mar 2017, 15:22
ކޮންމެ އަހަރެއްގެ މާޗް މަސް ނިމުމުގެ ކުރިން ކުންފުނިތަކުގެ އަހަރީ ފީ އާކުރަން ޖެހޭ އިރު، މި މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަންނާނީ ޖޫރިމަނާއާ އެކުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އަހަރީ ފީ ކަނޑައަޅާފައި ވަނީ، ޕްރައިވެޓް ކުންފުންޏެއް ނަމަ 2000 ރުފިޔާގެ އަހަރީ ފީ އެކެވެ. ޕަބްލިކް ކުންފުންޏެއް ނަމަ އަހަރީ ފީ އަކީ -10،000 ރުފިޔާ އެވެ.
މިމަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ އަހަރީ ފީ ގަބޫލު ކުރާނީ އޭޕްރިލް މަހުގެ ތެރޭގައި ފީ ބަލައި ގަނެވޭނީ -1،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށާއި އޭޕްރިލް މަހުގެ ނިޔަލަށް ފީ ނުދައްކައިފި ނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައި ގަނެވޭނީ 2،500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް ކުންފުންޏާ ބެހޭ ގާނުނުގައި ބަޔާންކޮށްފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
"ވީމާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން މިވާހަކަ އާންމުކޮށް އިޢްލާންކުރީމެވެ." އެ އިއުލާނުގައިވެ އެވެ.
ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަމަށްވާ އިރު ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން ވެސް ކޮންމެ އަހަރެއްގެ މާޗް މަސް ނިމުމުގެ ކުރިން އަހަރީ ފީ ދައްކަން ޖެހެ އެވެ.