އިންޑިއާގެ މަޝްހޫރު އިވެންޓު މެނޭޖްމެންޓު ކުންފުނި "އިވެންޓްސް ސޮލިއުޝަން" އާ ގުޅިގެން ހައިރައިސް އިން "އިންޑިއާ އެކްސްޕޯ" ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ހައިރައިޒްގެ މެނޭޖިން ޑިރެކްޓަރު އަދި ފައުންޑާ، އިސްމާއިލް ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ އެ އިވެންޓަކީ އިންޑިއާގެ ވިޔަފާރިތައް ރާއްޖޭގައި ޝޯކޭސް ކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށެވެ. އެ މައުރަޒަކީ އާންމުކޮށް ހުޅުވާލައިގެން ވިޔަފާރިވެރިންނާއި އާންމުންގެ މީހުންނަށް ވެސް ވަދެވޭ ގޮތަށް ބާއްވާ މައުރަޒެކެވެ.

"އަޅުގަނޑުމެން ހައިރައިޒަށް މިއީ ވަރަށް ބޮޑު ޝަރަފެއް މިފަދަ ބޮޑު އިވެންޓް މެނޭޖްމެންޓް ކުންފުންޏަކާ އެކު މިފަދަ އިވެންޓެއް ބާއްވަން އެއްބަސްވުމަކީ. އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ވިދާޅުވީ އެފަދަ އިވެންޓެއް އެކުންފުންޏާ ގުޅިގެން ބޭއްވުމަކީ ރާއްޖެއަށް ލިބޭ ޝަރަފެއް ކަމަށް،" އިސްމާއިލް ވިދާޅުވި އެވެ.

މިއަހަރު ބާއްވާ "އިންޑިއަން އެކްސްޕޯ" އޯގަނައިޒް ކުރުމުގެ ކަންކަން މިހާރު ކުރިއަށް ގެންދަނީ ހައިރައިޒްއިންނެވެ. އެ މައުރަޒުގައި 13 ދާއިރާއަކުން އިންޑިއާގެ ވިޔަފާރިތައް ބައިވެރިވާނެ އެވެ.

މައުރަޒުގައި ބައިވެރިވާ ކުންފުނިތަކުގެ ދާއިރާތައް:

  • ތައުލީމީ ޚިދުމަތްތައް

  • ސިއްހީ ދާއިރާ
  • މެނުފެކްޗަރިން އަދި އިންޖިނޭރިން
  • އިލެކްޓްރޯނިކްސް
  • ހޯމް އެޕްލަޔަންސް
  • ބިލްޑިން ޕްރޮޑަކްސް
  • އެގްރޮ ޕްރޮޑަކްސް
  • ޓެކްސްޓައިލް އެންޑް ކްލޯތިން
  • ޑިޒައިނާ ވެއާ
  • ހޭންޑިކްރާފްޓްސް އެންޑް ޓްރެޑިޝަނަލް ޓެކްސްޓައިލްސް
  • ކޮސްމެޓިކްސް އެންޑް ހާބަލް ޕްރޮޑަކްސް
  • ފަރުނީޗަރު
  • ސޮފްޓްވެއާސް އެންޑް އައިޓީ ސޮލިއުޝަންސް

މި އިވެންޓު ބޭއްވުމަށް މަޝްވަރާކޮށް އެއްބަސްވެފައިވަނީ އެޓްމޯސްފެއާ ކަނިފުށީގައި މިހާރު ކުރިއަށްދާ އަމްވޭ ޑައިމެންޑް ކޮންފަރެންސްގަ އެވެ. އެ ކޮންފަރެންސު ވެސް އޯގަނައިޒް ކުރަނީ އިވެންޓްސް ސޮލިއުޝަނުންނެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ އެކުންފުނިން ދުބާއީގައިވެސް އޮޕަރޭޓު ކުރެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑިރެކްޓަރު އަމިތް މަލޯތްރާ ވިދާޅުވީ އެ މައުރަޒު އޮންނާނީ މި އަހަރުގެ ފަހު ކޮޅުގައި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ މައުރަޒުގެ އެޑިޝަންތައް ރާއްޖޭގައި ބާއްވާން ނިންމާފައިވާ ކަމަށެވެ.

"އިންޑިއާ އާއި ރާއްޖެއަކީ ވަރަށް ގުޅުން ބަދަހި ދެ ގައުމު. އިންޑިއާގެ އުފެއްދުންތަކަށް ދިވެހިންގެ މަގުބޫލުކަން ލިބޭ. މި އިވެންޓު ހުޅުވާލާނީ ދިވެހިންނާއި ދިވެހި ވިޔަފާރިވެރިންނަށް. ކާމިޔާބު އިވެންޓަކަށް އިންޑިއަން އެކްސްޕޯ ވެގެންދާނެ،" އަމިތް ވިދާޅުވި އެވެ.

އިވެންޓްސް ސޮލިއުޝަން އަކީ ބޮޑެތި އިވެންޓުތައް އޯގަނައިޒް ކުރާ ބިޔަ ކުންފުންޏެކެވެ. އެކުންފުނީގެ ކްލައިންޓުންގެ ތެރޭގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ޓާޓާ ކޮންސަލްޓަންސީ ސާވިސަސް (ޓީސީއެސް) ހިމެނެ އެވެ.