ކަރަކާސް : ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒްއަށް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާ ކަން އޭނާ ހާމަކުރައްވައިފި އެވެ.

ޓީވީ މެދުވެރި ކުރައްވައި ޤައުމަށް ދެއްވި ޚިތާބެއްގައި ޗާވޭޒް ވިދާޅުވީ އޭނާގެ ހަށިކޮޅުގައި އުފެދުނު ކެންސަރު ސެލްތަކެއް ނެގުމަށްޓަކައި ކިޔުބާގައި ދެއޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާ އެދެއޮޕަރޭޝަންވެސް ކާމިޔާބު ކަމުގައެވެ.
އެދެއޮޕަރޭޝަނާއެކު ކެންސަރުބަލިން ޝިފާލިބެމުންދާ ކަމަށާ ނަމަވެސް ޙާލުކޮޅު ރަނގަނޅުވާން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ޗާވޭޒް ވިދާޅުވިއެވެ. މިފަހަކަށް އައިސް ޗާވޭޒް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވެފައިވާތީ އޭނާއަށް ޖެހިފައިވާ އާލާސްކަންފުޅާމެދު އެތަކެއް ސުވާލު އުފެދިފައިވެ އެވެ.

އުމުރުން 56 އަހަރުގެ ޗާވޭޒަށް ޖެހިވަޑައިގަތީ ކޮންބާވަތެއްގެ ކެންސެއްކަން އޭނާ ހާމަ ނުކުރެއްވި ނަމަވެސް އޭނާއަށް ޖެހިވަޑައިގެންފައިވަނީ ޕްރޮސްޓޭޓް ކެންސަރު ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)