ދޮންނައިރު ހެދުމުގައި ޖެހިފައި ހުންނަ ބައެއް ކަހަލަ ލައްތަކަކީ ވަރަށް ފަސޭހައިން ފިލުވާލެވޭ އެއްޗިއްސެވެ. ބައެއް ކަހަލަ ލައްތަ ފިލުވާލަން އަތުން ނުވަތަ ކޮންމެވެސް އެއްޗެއް ބޭނުން ކޮށްލަން ޖެހެ އެވެ. ނަމަވެސް އެޔަށް ވުރެ އުދަނގުލުން ފިލުވާލަން ޖެހޭ ލައްތަކަށް އެކަމަށް ހާއްސަ ދޮންނަ މެޝިނެއް ވެސް ބޭނުންކުރެ އެވެ.

މިހަފްތާ ތެރޭގައި ޕެނަސޮނިކުން ވެސް މިވަނީ އންޑިއާ މާކެޓަށް ހާއްސަކޮށްގެން އާ ދޮންނަ މެޝިނެއް ބާޒާރަށް ނެރަފަ އެވެ.

އާދައިގެ ދޮންނަ މެޝިނެއްގައި ހުންނަ ހުރިހާ ފަންކުޝަންތަކެއް ވެސް ހިމެނޭ އެ ދޮންނަ މެޝިން އިންޑިއާ އަށް ހާއްސަވާ ކަމަކީ އޭގައި އިންނަ "ރިހަ" އަށް ހާއްސަ ފަންކުޝަން އަކުންނެވެ.

އިންޑިއާގައި ކައްކާ ރިހަ ގަނޑުތަކުގައި ބޭނުންކުރާ އެއްޗެހި އެނަލައިޒްކޮށް ދެ އަހަރުގެ ދިރާސާ އަކަށް ފަހު އުފެއްދި އެ ދޮންނަ މެޝިނާ ގުޅޭ ގޮތުން ޕެނަސޮނިކުން ބުނީ، ރިހަ އެޅިގެން ޖެހޭ ލައްތައް ފިލުވާލުމަށް ހާއްސަ ދޮންނަ މެޝިނެއް ބާޒާރަށް ނެރުމަށް ހިޔާލު އައީ، އެފަދަ ލައްތައް ފިލުވާލުމަށް އުދަނގޫވާ ކަމަށް ބުނެ ކަސްޓަމަރުންގެ ޝަކުވާ ހުށަހަޅަމުންދާތީ ކަމަށެވެ.

އެގޮތުން، އިންޑިއާގެ މާކެޓަށް ހާއްސަ އެ ދޮންނަ މެޝިނުގައި ރިހަ އެޅިގެން ޖެހޭ ލައްތައް ފިލުވާލުމަށް ހާއްސަ ސައިކަލް ސްޕީޑަކާއި ފިނިހޫނު މިނެއްގެ އިތުރުން ފެނުގެ ސެޓިންއެއް ހިމެނޭނެ ކަމަށެވެ.

އިންޑިއާ މާކެޓަށް ހާއްސަ ދޮންނަ މެޝިނެއް ޕެނަސޮނިކުން ނެރުނު ނަމަވެސް، އެ ދޮންނަ މެޝިނުގެ އަދު އެހެން ދޮންނަ މެޝިނުތަކަށް ވުރެ 10 ގުނަ އަގުބޮޑެވެ. އޭގެ ދޮންނަ މެޝިނެއްގެ އަގު އުޅެނީ 400 ޔޫރޯ (426 އެމެރިކާ ޑޮލަރު)އެވެ.

އިންޑިއާގައި ދޮންނަ މެޝިނު ބޭނުންކުރަނީ އެންމެ 10 ޕަސެންޓް ގޭގަ އެވެ. އެގައުމުގައި ގިނަ ބަޔަކު އަދިވެސް އެއްޗެހި ދޮންނަނީ އަތުންނެވެ.